ރީ އެކްސްޕޯޓް ކުރާ ކުންފުނި އުފައްދަނީ ފަސް ކުންފުނި ގުޅިގެން

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޙާއްޞަކޮށްގެން ސަރުކާރުން ކުންފުންޏެއް އުފައްދަނީ މިހާރު ސަރުކާރު ހިއްސާވާ ފަސް ކުންފުންޏެއް ގުޅިގެން ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

އެންމެ ފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމާފައިވަނީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއުއެޑްކުރުމާއި، ޓްރާންޝިޕްމަންޓް އާއި ރީއެކްސްޕޯޓް ވިޔަފާރިއަށް ޚާއްޞަ 100 ޕަސެންޓް ދިވެހި ކުންފުންޏެއް އުފެއްދުމަށެވެ. އެ ކުންފުންޏަށް ދީފައިވާ ނަމަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއެވެ.

https://sun.mv/186824

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އާ ކުންފުނި އުފައްދަނީ އެސްޓީއޯ، އެމްޕީއެލް، އެމްއޭސީއެލް، އާބަންކޯ، އެމްޓީސީސީ ގުޅިގެން ކަމަށެވެ.

އާ ކުންފުނިން އެންމެ އިސްކަން ދޭނީ އެހެން ގައުމުތަކުން ރާއްޖެއަށް ބޭނުންވާ މިންވަރަށް ވުރެން އިތުރަށް މުދާ ގެނެސް، އިތުރު ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެން ރަނގަޅު އާމްދަނީއެއް ހޯދުމަކީ އަމާޒު ކަމަށް ނާޒިމް ވިދާޅުވިއެވެ.

މި ކުންފުނީގެ ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ބިން ހަމަޖެއްސުމަށްޓަކައި ތިލަފުއްޓާއި ގިރާވަރުފަޅު ބެލުމަށްފަހު އެންމެ އެކަށީގެންވާ ތަނުން އެންމެ މަދުވެގެން 100 ހެކްޓަރުގެ ބިން ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި ރާއްޖެއަށް ބޭނުންވާ ވަރަށް ކާބޯތަކެތި އުފެއްދުމަށްޓަކައި އުތުރުތިލަފަޅުން ބިން ކަނޑައަޅައި އެކަމަށް އިންވެސްޓްމަންޓް ހޯދައި އެކަމުގެ ޝެއާ ހޯލްޑަރުންގެ ގޮތުގައި އާ ކުންފުނި ހަމަޖެއްސުމަށް ވެސް ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގްރޭޓާ މާލެ އޭރިއާގައި ޓްރާންސްޝިޕްމަންޓް ބަނދަރެއް ބިނާކުރުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް، އެ މަޝްރޫއަށް ބޭނުންވާ މަސައްކަތްތައް ފެށުމަކީ މި ސަރުކާރުން ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން ކަމެކެވެ.

މުދާ އުފުލާ އެއް ބޯޓުން އަނެއް ބޯޓަށް، ދަތުރުމަތީގައި މުދާ ބަދަލު ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޓްރާންސްޝިޕްމަންޓް ޚިދުމަތުން އިގުތިސާދީ މަންފާތައް ލިބޭނެއެވެ.

ރައީސް ވަނީ، ލ. އަތޮޅުގައި އޮތް ހިމާޔަތްކޮށްފައިވާ ރަށެއް ކަމަށްވާ ގާދޫގައި ބަންކަރިންގެ ޚިދުމަތާއެކު ޓްރާންޝިޕްމެންޓު ބަނދަރެއް ތަރައްގީކުރުމުގެ މަސައްކަތް ވެސް ފުރަތަމަ 14 ހަފުތާ ތެރޭގައި ފައްޓަވާނެކަން މީގެ ކުރިން އިއުލާންކުރައްވާފައެވެ.

comment ކޮމެންޓް