ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީ އަރައިފި

ޖަޕާނުގެ އިޝިކާވާއަށް އައި ބިންހެލުމުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތެއް. ފޮޓޯ/ސްކައި ނޫސް

ޖަޕާނުގެ މެދުތެރޭ ސަރަހައްދަށް 7.5 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމާއެކު ސުނާމީ އަރައިފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނާ ގޮތުގައި މިއަދު މެންދުރު ފަހު ޖަޕާނުގެ ހުޅަނގު ސަރަހައްދަށް 7.5 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ވަނީ ދީފައެވެ.

ބިން ހެލުމުގެ ސަބަބުން އައްސޭރިފަށުގެ ސަރަހައްދަށް ކޮންމެވެސް ވަރަކަށް ރާޅު އަރަން ވަނީ ފަށައިފައެވެ. ރާޅުގެ އުސްމިނުގައި ތިން މީޓަރާއި، ފަސް މީޓަރަށް އަރާނެކަމަށް ލަފާކުރެއެވެ.

ބިމުން 10 ކިލޯމީޓަރު އަޑިއަށް އައި ބިންހެލުން އައިސްފައިވަނީ ޖަޕާނު ގަޑިން ހަވީރު 4:10 ހާއިރުއެވެ. ބިންހެލުމާ ގުޅިގެން ޖަޕާނުގެ މޫސުމާބެހޭ އިދާރާއިން ސުނާމީގެ އިންޒާރު ދީފައި ވަނީ އައްސޭރިފަށުގެ އިޝިކާވާ، ނިއިގަޓާ އަދި ޓޮޔާމާ އަށެވެ.

އިޝިކާވާއަށް މިހާރުވެސް އެއް މީޓަރު އުސް ރާޅު އަރަން ފަށައިފައިވެއެވެ. 10 ކިލޯމީޓަރު އަޑިން 6.2 ގެ ބާރުމިނުގައި ޖަޕާނުގެ އަނަމިޒޫގެ ހުޅަނގު ދެކުނަށް ވެސް އިތުރު ބިންހެލުމެއް އައިސްފައިވާ ކަމަށް މުސުމާބެހޭ އިދާރާއިން ބުނެއެވެ.

އޭގެއިތުރުން އަނަމިޒޫގެ ހުޅަނގު އުތުރަށް ވެސް 5.2 ބާރުމިނުގައި އިތުރު ބިންހެލުމެއް ވަނީ އައިސްފައެވެ.

ސުނާމީގެ އިންޒާރާ ގުޅިގެން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެ ސަރަޙަދުތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ އަންގައިފައެވެ.

ޖަޕާނުގެ އިރުއުތުރަށް 2011 ވަނަ އަހަރުގެ މާރިޗް މަހު ވެސް ވަރުގަދަ ބިންހެލުމަކާއެކު ސުނާމީއަށް އައިސްފައިވެއެވެ. އެ ފަހަރު އެރި ސުނާމީގައި ޖަޕާނުގެ ފުކުޝިމާގެ ރަށްތައް ވަނީ އެއްކޮށް ސުންނާފަތިވެފައެވެ.

comment ކޮމެންޓް