މޫސުން ރަނގަޅެއް ނުވޭ، މިއަދު ވެސް ވިއްސާރަ ކުރާނެ: މެޓް

އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެފައި: މޫސުން ރަނގަޅު ނުވާ ކަމަށާއި މިއަދު ވެސް ވިއްސާރަ ކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައި -- ސަން ފޮޓޯ/ އިންފިނިޓް މޫވްމަންޓްސް/ މުހައްމަދު މާވީ

މިހާރު ކުރަމުންދާ އިރުވައި މޫސުމުގެ ވިއްސާރަ އަދިވެސް އަލިނުވާ ކަމަށާއި މިއަދު ވެސް ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފިއެވެ.

މެޓު އޮފީހުން ބުނީ ކުރިއަށް 24 ގަޑިއިރު ވެސް އުތުރާއި މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ ކަމަށެވެ.

އެގޮތުން ގުގުރުމާ އެކު ބޯކޮށް ވާރެ ވެހޭނެ ކަމަށް ލަފާކޮށް މެޓުން ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 13:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.

ހުރިހާ ހިސާބަކަށް ވެސް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި، މެޓު އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށާއި މި ހަފުތާގައި އުތުރުގެ އަތޮޅުތަކަށް ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

https://www.sun.mv/186799

އިއްޔެ މެދުކެނޑުމެއް ނެތި ބޯކޮށް ވެހުނު ވާރޭއާ އެކު މުޅި މާލެއާއި ހުޅުލެއާއި ހުޅުމާލޭގައި ތަނބިކަށި ފޮރުވޭ ވަރަށް، ފެން ބޮޑުވިއެވެ. އަދި، ވެހިކަލްތަކަށާއި، ގޭގެއަށް ވެސް ފެންވަދެ ވަރަށް ބޮޑަށް ގެއްލުން ވެފައިވެއެވެ.

އެގޮތުން މިއަދު މެޓުން އާންމުކުރި ތާފާސްހިސާބުތަކުން ދައްކާގޮތުން އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އާ ހާމައަށް ހުޅުލެއަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރިކޯޑުކުރެވިފައިވާއިރު ބ. ގޮއިދުއަށް 105.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.

comment ކޮމެންޓް