މިހާތަނަށް ހުޅުލެއަށް އެންމެ ގިނައިން ވާރޭ ވެހުނީ އިއްޔެ

ޖުލައި 7، 2021: މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާތަނަށް އެންމެ ގިނައިން ހުޅުލެއަށް ވާރޭ ވެހުނުކަމަށް ރެކޯޑުކުރެވިފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކަމަށް މޯލްޑިވްސް މިޓިރޮލޮޖީ ސާވިސަސް (މެޓް) އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އާ ހާމައަށް މެޓުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން، ހުޅުލެއަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ މިހާތަނަށް ރެކޯޑުކުރެވުނު އެންމެ މަތީ އަދަދެވެ.

ދެވަނައަަށް، މާލެއަށް 118.2 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް ރެކޯޑުކުރެވިފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑުކޮށްފައިވަނީ ބ. ގޮއިދުއަށެވެ. ގޮއިދުއަށް 105.6 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އިއްޔެ މެދުކެނޑުމެއް ނެތި ބޯކޮށް ވެހުނު ވާރޭއާއެކު މުޅި މާލެ އާއި ހުޅުލެއާއި ހުޅުމާލޭގައި ތަނބިކަށި ފޮރުވޭ ވަރަށް، ފެން ބޮޑުވިއެވެ. އަދި ވެހިކަލްތަކަށާއި، ގޭގެއަށް ވެސް ފެންވަދެ ވަރަށް ބޮޑަށް ގެއްލުން ވެފައިވެއެވެ.

ވިއްސާރައިގައި މާލެއަށް ލިބުނު ގެއްލުން ބަލައި، ކަންކަން ހައްލުކުރުމަށް ކުރެވޭނެ ކަންކަން ދެނެގަތުމަށް ޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒާއި، ކެބިނެޓް މިނިސްޓަރުން ވެސް ވަނީ ޒިޔާރާތްކުރައްވައިފައެވެ.

މާލޭގެ އިތުރުން ބައެއް ރަށްރަށަށް ވެސް ވަރަށް ބޮޑަށް ގެއްލުންވެފައިވެއެވެ.

comment ކޮމެންޓް