ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮގު އިސްރާއީލުގެ ބާރުގެ ދަށަށް ގެންނާނަން: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/ޓައިމްސް އޮފް އިސްރާއީލް

އިސްރާއީލުގެ ފައުޖުތަކާއި ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތާ ދެމެދު އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ހަނގުރާމަ މިހާރަށްވުރެ ވެސް ފުޅާކޮށް ޣައްޒާއާއި މިސްރު ގުޅޭ ސަރަހައްދީ ރޮނގު އިސްރާއީލުގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް އިސްރާއީލުގެ ރައީސް ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

ނަތަންޔާހޫ އެގޮތަށް ވިދާޅުވެފައި ވަނީ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމަ މަސްތަކަކަށް ދިގު ދެމިގެންދާނެ ކަމަށް ވިދާޅުވުމަށް ފަހުއެވެ.

"ފިލަދެލްފީ ކޮރިޑޯ ނުވަތަ "ގާޒާ" ދެކުނުން ހުއްޓޭ ހިސާބު އޮންނަން ޖެހޭނީ އަހަރުމެން އަތު ތެރޭ. އެ ބޯޑަރު ބަންދު ކުރެވެން ޖެހޭ. އެހެން އެއްވެސް ގޮތެއް ހަދައިގެން އަސްކަރީ ބާރު ކަނޑުވާލުމަށް އަހަރުމެން ހިފާފައިވާ އަމާޒަށް ވާސިލެއް ނުވާނެ." ނަތަންޔާހޫ ވިދާޅުވިއެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން ހަމާސް އެކީ ނައްތައިލައި ޣައްޒާގައި ހުރި ހުރިހާ އަސްކަރީ ގާބިލުކަމެއް ނައްތާލަން ބޭނުންވާ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލާއި ލުބުނާންގެ ސަރަހައްދީ ރޮނގު ކައިރީގައި ކޮންމެ ދުވަހަކުހެން ހަމަލާތައް ބަދަލުކުރާ މައްސަލައިގައި ނަތަންޔާހޫ ވަނީ ޢީރާނަށްވެސް އިންޒާރު ދެއްވައިފައެވެ. އެގޮތުން އީރާނުގެ ތާއީދު އޮންނަ ހިޒްބުﷲ އިންދޭ ހަމަލާތައް އިތުރުކުރާނަމަ، އީރާނާއި ހިޒްބުﷲ އިން ހިތަށްވެސް ނާރާފަދަ ހަމަލާތައް ދޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުމަކަށް ހިނގައިދާނެ ކަމުގެ ބިރުވެސް މިހާރު އޮތީ ބޮޑުވެފައެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިހާތަނަށް 22،000އާ ގާތްކުރާ އަދަދަކަށް ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް