ބުރިޖާއި ހައިވޭގައި ފެންބޮޑުވެ، ވަޔާއެކު ކުނި އަރާތީ ސަމާލުވާން އިލްތިމާސްކޮށްފި

ސިނަމާލެ ބުރިޖު: ވިއްސާރަވެ، ބުރިޖާއި ހައިވޭގައި ފެންބޮޑުވެފައިވާތީ ދުއްވާއިރު ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ -- ސަން ފޮޓޯ

މިއަދު މާލެއާއި ހުޅުމާލެއަށް ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ސިނަމާލެ ބުރިޖާއި ހައިވޭގައި ފެންބޮޑުވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުރިޖާއި ހައިވޭއަށް ގަދަ ވަޔާއި ވެއްޔާއެކު ކުނި އަރަމުންދާ ކަމަށާއި، އެހެންވެ އެ މަގުން ދަތުރުކުރާއިރު ސަމާލުވާން އެދޭ ކަމަށެވެ.

ފުލުހުން ވަނީ، ކޮންމެހެން ކުރަންޖެހޭ ޒަރޫރީ ދަތުރުތަކަށް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް ވެސް އެދިފައެވެ.

ވައި ގަދަވެ، ވާރޭ ވެހޭ ދުވަސްތަކުގައި ބުރިޖާއި ހައިވޭގައި ސައިކަލުތައް ކަހާލުން ފަދަ ހާދިސާތައް ހިނގައި، ބައެއް ފަހަރު މީހުންނަށް އަނިޔާ ލިބެއެވެ.

މިދިޔަ ހަފުތާއިން ފެށިގެން ރާއްޖެއަށް ކުރަމުންއައި އިރުވައި މޫސުމުގެ ވިއްސާރަ ރެއިން ފެށިގެން އިތުރަށް ގޯސްވެ، ވަރަށް ގިނައިން ވާރޭ ވަނީ ވެހިފައެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ވެސް ފެންބޮޑުވެ، ބައެއް ރަށްރަށުގެ ގެތަކަށް ފެންވަދެފައިވެއެވެ.

comment ކޮމެންޓް