ފުލުގައި އޮތް ޝެފީލްޑް ބަލިކޮށް، ސިޓީ ތިންވަނައަށް

ސިޓީގެ ދެވަނަ ލަނޑު ޖަހުމަށް އެހީތެރިވެދިން ފިލް ފޯޑެންއާއި ލަނޑު ޖެހި ހޫލިއަން އަލްވަރޭޒް އުފާފާޅު ކުރަނީ -- ފޮޓޯ/ ސްޕޯޓިން ނިއުސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކަމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. މި މެޗު ފެށުމުގެ ކުރިން ސިޓީން ވަނީ މި އަހަރުގެ ތެރޭގައި އެ ޓީމުން ކާމިޔާބުކުރި ފަސް ތަށި، ބެލުންތެރިންނަށް ދަނޑުމަތީ ދައްކައިލައިފައެވެ. އެއީ، އިނގިރޭސި އެފް އޭ ކަޕާއި އިނގިރޭސި ޕްރިމިއާ ލީގާއި ޔުއޭފާ ޗެމްޕިއަންސް ލީގާއި ޔުއޭފާ ސުޕާ ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑް ކަޕެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ސިޓީން ލީޑު ނަގާފައިވަނީ މެޗުގެ 14 ވަަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮޑްރީއެވެ. މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ފުރަތަމަ ހާފުގައި ލިބިގެންދިޔައެވެ.

ސިޓީގެ ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ހޫލިއަން އަލްވަރޭޒެވެ. މި މެޗުގައި ވެސް އަނިޔާގެ ސަބަބުން ސިޓީގެ ކުޅަދާނަ ފޯވަޑް އާލިން ހާލަންޑް ޓީމުގައި ހިމަނާފައެއް ނުވެއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރި އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެވިން ޑިބްރުއިނާވަނީ ސިޓީގެ ޓީމުގައި ހިމެނިފައެވެ. މެޗުގައި އޭނާ ކުޅެން ނޭރި ނަމަވެސް ދެވަނަ ހާފުގައި އޭނާ ވޯމްއަޕް ކުރަން ފެށުމާ އެކު ސިޓީގެ ސަޕޯޓަރުންގެ ތަރުހީބު އޭނާއަށް ލިބިގެންދިޔައެވެ.

މި މޮޅާ އެކު ސިޓީން މިހާރު ވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 40 ޕޮއިންޓާ އެކު ތާވަލުގެ ތިންވަަނައަށް ކުރިއަށް ޖެހިލައި އަދި ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ ދެ ޕޮއިންޓު ގާތަށް ޖެހިލައިފައެވެ. އަދި، މެޗުން ބަލިވި ޝެފީލްޑް އޮތީ ނުވަ ޕޮއިންޓާ އެކު ތާވަލުގެ އެންމެ ފުލުގައެވެ.

comment ކޮމެންޓް