ވަޒަނެއްކަމަށް ބެލެވުނަސް މީހަކު ހައްޔަރެއް ނުކުރޭ

މީގެކުރިން އެއާޕޯޓުގައި ލަގެޖެއް ސްކްރީންކޮށްފައި -- ފޮޓޯ/ އެމްއޭސީއެލް

ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ފުރަން އުޅުނު ދިވެއްސެއް ބަލައި ފާސްކުރުމުގެ ތެރެއިން، އޭނާ އަތުން ވަޒަނެއް ހޯދި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

އޭނާ އަތުން އެ ވަޒަން ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހެވެ.

އެ މައްސަލައާ ގުޅިގެން 'ސަން' އަށް މައުލޫމާތުދެމުން ފުލުހުންގެ މީޑިއާ އޮފިޝަލާއި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވެސް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން އެއީ ވަޒަނެއް ކަމަށް ވަރަށް ޔަގީންކުރެވޭ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން މީގެ ކުރިން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ވަޒަން ފެނުނީ, އަންހެނެއްގެ ދަބަހުން އޭނާ ފުރަން ގޮސް ހުއްޓައި ކަމަށެވެ.

https://sun.mv/186718

އަދި އޭނާގެ އަތުން ނުރައްކާތެރި އެހެން އެއްޗެއް ފެނިފައިނުވާކަމަށް ވެސް މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ވައިގެ ދަތުރުފަތުރުކުރާއިރު، ބޯޓާއި، ދަތުރުވެރިންގެ ސަލާމަތަށް ޓަކައި ހުރިހާ ފަސިންޖަރުން ވެސް ގިނަ ސެކިއުރިޓީ ސްކްރީނިންތަކެއް ފުރިހަމަ ކުރަން ޖެހެއެވެ.

ފްލައިޓް ތެރެއަށް، ތޫނު ހަތިޔާރާއި، ލައިޓަރާއި، އެ ނޫން ވެސް ޕްރެޝަރުގެ ސަބަބުން ގޮވައިފާނެ ފަދަ، ގެއްލުމެއް ދެވިދާނެ އެއްވެސް އެއްޗެއް އެރުވުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެ ފަދަ ތަކެތި އެއާޕޯޓުން ބަލައިއިރު އަތު ވެސް ލާނެއެވެ.

މީގެ ކުރިން ވެސް މި ފަދަ ބައެއް ހާދިސާތައް މަދުން ނަމަވެސް ހިނގައިފައި އެބަހުއްޓެވެ. އެގޮތުން އަވަށްޓެރި ލަންކާގައި ވަނީ ދިވެއްސަކު އަސްލު ފިސްތޯލައެއް ގެންގުޅެނީކަމަށް ތުހުމަތުކޮށް އެއާޕޯޓުގައި ހިފަހައްޓައިފައެވެ.

comment ކޮމެންޓް