ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި އޮފިސަރަކަށާއި ގައިދީންތަކަކަށް އަނިޔާވެއްޖެ

މާފުށީ ޖަލު --- ސަން ފޮޓޯ

މާފުށި ޖަލުގައި މިއަދު ހިނގި ހަމަނުޖެހުމެއްގައި ޖަލު ބަލަހައްޓާ އޮފިސަރަކަށާއި ދެ ގައިދީއަކަށް އަނިޔާވެއްޖެއެވެ.

'ސަން'އަށް މައުލޫމާތުދެމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނީ މިއަދު ހިނގި ހަމަނުޖެހުމަކީ ޖަލުގެ ގޮޅިއެއް އިންސްޕެކްޓުކުރުމަށް އޮފިސަރެއް ވަން ވަގުތު ގައިދީންތަކެއް އޭނާއަށް ހަމަލާދޭން އުޅުމުން ހިނގި ހަމަނުޖެހުމެއް ކަމަށެވެ.

އެ ހަމަނުޖެހުމުގައި އޮފިސަރަށާއި ދެ ގައިދީއަކަށް އަނިޔާވި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އެ އަނިޔާ ލިބުނު ތިން މީހުންނަށް ވެސް އެވަގުތު ފަރުވާ ދިން ކަމަށް އެ ސާވިސްއިން ބުންޏެވެ.

"އެއީ ސެލް އިންސްޕެކްޝަނަށް ދިޔައިމަ އެ ޖަލު ގޮޅި ފާސްކުރުމުގެ ތެރެއިން ރުޅި އައިސްގެން ހިނގި ހާދިސާއެއް. އެކަމު އެއީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހިނގާ ކަމެއް ޖަލު ގޮޅި އިންސްޕެކްޓު ކުރުމުގެ ތެރެއިން. ޖަލެއްގައި ވިއްޔާ އެފަދަ ހާދިސާތައް ވެސް ހިނގާނެ،" ކަރެކްޝަންސްއިން ބުންޏެވެ.

ކަރެކްޝަންސްއިން ބުނީ އެފަދަ ހާލަތެއްގައި ހިނގާ ހާދިސާތައް ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުން ކުރުމުގެ ހުއްދަ ގާނޫނީ ގޮތުން ޖަލު ބަލަހައްޓާ އޮފިސަރުންނަށް ލިބިފައި އޮންނަ ކަމަށެވެ.

އެގޮތުން މިއަދުވެސް ޖަލު ބަލަހައްޓާ އޮފިސަރަށް ހަމަލާ ދޭން އުޅުމުގެ ތެރެއިން ގައިދީން ކޮންޓްރޯލް ކުރުމަށްޓަކައި ބާރުގެ ބޭނުން ކުރީ ކަމަށް އެ ސާވިސަސްއިން ބުންޏެވެ.

ގައިދީންތަކަކަށް އަނިޔާ ކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފައެވެ.

ނަމަވެސް އެ ފޮޓޯތަކަކީ ސީދާ މިއަދުގެ ހާދިސާއާ ގުޅުން ހުރި ފޮޓޯތަކެއްކަން ޔަގީންކުރެވެން ނެތް ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

comment ކޮމެންޓް