'ޕެރެސައިޓް'ގެ އެކްޓަރު ލީ ސަން ކިޔުން މަރުވެއްޖެ

ދެކުނު ކޮރެއާގެ ފިލްމު ޕެރެސައިޓުގެ މުހިންމު ރޯލަކުން ފެނުނު ލީ ސަން ކިޔުން މަރުވެފައިވާ އޮއްވާ ވަނީ ފެނިފައި -- ގެޓީ

މުޅި ދުނިޔެއަށް މަޝްރޫހުވި ދެކުނު ކޮރެއާގެ ފިލްމު ޕެރެސައިޓުގެ މުހިންމު ރޯލަކުން ފެނުނު ލީ ސަން ކިޔުން މަރުވެފައިވާ އޮއްވާ މިއަދު ފެނިއްޖެއެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން، 48 އަހަރުގެ ލީގެ ހަށިގަނޑު ފެނުނީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ޕާކެއްގައި އޮތް ކާރަކުންނެވެ. ފުލުހުން އޭނާ ހޯދަން ފެށީ، އޭނާ ނޯޓެއް ލިޔެ، އެ ނޯޓު ގޭގައި ބޭއްވުމަށް ފަހު ނުކުމެގެން ދިޔަ ކަމުގެ ރިޕޯޓެއް ލިބިގެން ކަމަށް ނޫސްތަކުގައިވެއެވެ.

ކޮރެއާގެ ޔޮންހަޕް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ލީ އަމިއްލައަށް މަރުވީ ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން ވަނީ ލަފާކޮށްފައެވެ. އޭނާގެ މަރާ ގުޅުންހުރި ތަފުސީލުތައް ހޯދުމަށް ފުލުހުން ވަނީ ތަހުގީގެއް ފަށައިފައެވެ.

ލީ ސަން ކިޔުން، ޕެރެސައިޓުގެ ޑައިރެކްޓަރާއި ތަރިންނާ އެއްކޮށް: ލީއަށް ބައިނަލްއަގުވާމީ ގޮތުން ސަމާލުކަން ލިބުނީ މި ފިލްމަށް ލިބުނު ކާމިޔާބީގެ ސަބަބުން -- ފޮޓޯ/ އޭއެފްޕީ

ރިޕޯޓުތަކުގައިވާ ގޮތުން ލީގެ އާއިލާއިން ވަނީ އޭނާގެ އޮޓޮޕްސީއެއް ހަދަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އަދި އަންނަ ހުކުރު ދުވަހު އޭނާ ވަޅުލަން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

ލީ މަރުވެފައިވަނީ އޭނާ މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ތުހުމަތުގައި ފުލުހުން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ. އެ މައްސަލަ ބަލަން ފަށާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގައެވެ.

ލީ ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އޭނާއަށް މަސްތުވާތަކެތި ބޭނުންކުރެވުނީ މީހަކު އޭނާއަށް އޮޅުވާލުމުން ކަމަށް ބުނެފައެވެ.

އެ މައްސަލައިގައި ލީ މަސްތުވާތަކެއްޗަށް ޓެސްޓު ކުރި ނަމަވެސް އޭނާ މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް އެ ޓެސްޓުތަކުން ނުދައްކައެވެ.

ދެހާސް ނުވައެއްގައި ލީ، ބަތަލާ ޖޮން ހައިޖިންއާ ކައިވެނިކޮށް، އެދެމަފިރިންނަށް ދެ ކުދިން ލިބިފައިވެއެވެ.

އޭނާ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 20އަށް ވުރެ ގިނަ އަހަރުވެފައިވާ އިރު ދެކުނު ކޮރެއާގައި އެންމެ މަޝްހޫރު އެކްޓަރުންގެ ތެރޭގައި އޭނާ ހިމެނެއެވެ. ބައިނަލްއަގުވާމީ ގޮތުން އޭނާއަށް ސަމާލުކަން ލިބުނީ 2019ގައި ނެރުނު ޕެރެސައިޓް ފިލްމުންނެވެ.

މުއްސަނދިންނާއި ފަގީރުންގެ ދިރިއުޅުމުގެ ފަރަގު ދައްކުވައިދިން އެ ފިލްމަށް ހަތަރު އޮސްކާ އެވޯޑް ލިބުނެވެ. އޭގެ ތެރޭގައި 'ބެސްޓް ޕިކްޗާ' އެވޯޑު ވެސް ހިމެނޭ އިރު އެއީ އިނގިރޭސި ނޫން ބަހަކުން ވާހަކަދައްކާ ފިލްމަކަށް އެ އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް