ކާރުގައި ކޫރުން އެޅުވުމުން، ދެކުނު ކޮރެއާ މީހަކު 76 ބުޅާ މަރާލައިފި

ދެކުނު ކޮރެއާގައި 76 ބުޅާ މަރާލި މީހަކަށް 14 މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައި -- ފޮޓޯ/ބިޒްނަސް އިންސައިޑާ

ދެކުނު ކޮރެއާގައި 76 ބުޅާ މަރާލި މީހަކު 14 މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ ފާއިތުވި އަހަރުތަކުގައި އެ ގައުމުގައި އެންމެ އިހާނެތިކޮށް ޖަނަވާރުތަކަކަށް ހިތި ހާދިސާއެވެ.

އުމުރުން ގާތްގަޑަކަށް 20 އަހަރުގެ އެ މީހާގެ މައްޗަށް ދެކުނު ކޮރެއާގެ ޖަނަވާރުތައް ހިމާޔަތްކުރުމުގެ ގާނޫނާ ހިލާފުވުމުގެ ކުށް ސާބިތުވެފައިވާ ކަމަށް ދެކުނު ކޮރެއާގެ އިރުދެކުނު ޗަންގްވޮން ޑިސްޓްރިކްޓް ކޯޓުން އަންގާރަ ދުވަހު ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އެ މީހާއަކީ ކާކުކަން ކޯޓުން ހާމަކޮށްފައެއްނުވެއެވެ.

އެ މީހާ އެ ބުޅާތައް މަރާފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރާއި ޑިސެމްބަރު މަހާ ދެމެދުއެވެ. އޭނާ އެކަން ކުރީ ބުޅާތަކެއް އޭނާގެ ކާރުގައި ކޫރު އަޅައި ހެދުމުން ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެއެވެ.

އޭނާ ވަނީ މަގުމަތީގައި އުޅޭ ބައެއް ބުޅާތައް ހިފައި، އަދި އޮންލައިން ސައިޓްތަކުން ބުޅާ އެޑޮޕްޓް ވެސް ކޮށްފައެވެ. ބައެއް ބުޅާތައް ނޭވާ ހާސްކޮށްގެން މަރާލާފައިވާއިރު، އަނެއްބައި ބުޅާތައް މަރަލާފައިވަނީ ކަޓަރަކުން ހަމަލާދީގެންނެވެ. އަދި، އެއް ބުޅާ މަރަލާފައިވަނީ ބުޅަލުގެ މަތިން ކާރެއް ދުއްވައިގެން ކަމަށް ވެސް ކޯޓުން ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން ކޯޓުން އިއްވި ހުކުމް އޭނާ ވަނީ އިސްތިއުނާފުކޮށްފައެވެ.

comment ކޮމެންޓް