ފަހަތުން އަރައި ވިލާ ބަލިކޮށް ޔުނައިޓެޑު ހަވަނައަށް

ޕްރިމިއާ ލީގުގައި ޔުނަިއޓެޑަށް ފުރަތަމަ ލަނޑު ޖަހާދިނުމަށް ފަހު ހޮއިލުންޑް އުފާފާޅުކުރަނީ -- ފޮޓޯ/ ޔޫރޯ ސްޕޯޓް

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި އެސްޓަންވިލާ ބަލިކޮށްފިއެވެ.

ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 3-2 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ވިލާއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ވިލާއިން މޮޅަށް ކުޅުނުއިރު ދެވަނަ ހާފުގައި މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ޖަހައި މެޗުގެ ލީޑު ނަގައިފައިވަނީ ވިލާއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ޖޯން މެކްގިންއެވެ. އަދި، އޭގެ ފަސް މިނެޓު ފަހުން ވިލާއިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ލިއާންޑާ ޑެންޑޮންކާއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ޔުނައިޓެޑް ފެނިގެންދިޔައީ މުޅިން ތަފާތު ކޮށެވެ. މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 59 ވަނަ މިނެޓުގައި އަލެހަންޑްރޯ ގެނާޗޯއެވެ. އަދި، ދެވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓުގައި ޖަހައި މެޗުގެ ނަތީޖާ ޔުނައިޓެޑަށް ހަމަހަމަ ކޮށްދީފައިވަނީ ވެސް ގެނާޗޯއެވެ. މިއީ އޭނާގެ ކެރިއަރުގައި މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔަކަން ފާހަގަވިއެވެ.

ނަމަވެސް މި މަސައްކަތުގައި ކުރި ލިބިގެންދިޔައީ ޔުނައިޓެޑަށެވެ. މި މެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ 82 ވަނަ މިނެޓްގައި ޖަހައިދިނީ މި ސީޒަންގައި ޔުނައިޓެޑާ ގުޅުނު ރަސްމުސް ހޮއިލުންޑެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ކާމިޔާބު ކުރި ފުރަތަމަ ލަނޑެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް މިހާރު ވަނީ ކުޅުނު 19 މެޗުން ލިބިފައިވާ 31 ޕޮއިންޓާ އެކު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި، އެސްޓަންވިލާ އޮތީ 39 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައިގައެވެ.

comment ކޮމެންޓް