އަސްކަރީ ގޮތުން ބަލިކަށިވުމުން ޢިސްރާއީލުން ބިރު ދައްކަނީ އާންމުންނަށް

ޣައްޒާގެ ދީރް އަލް ބަލާހަށް ޢިސްރާއީލުން ދިން ޙަމަލާއެއްގައި ޒަޚަމްވި ކުއްޖަކު ހޮސްޕިޓަލަށް ގެންދަނީ -- ފޮޓޯ/އަނަދޮލް ނޫސް

އަސްކަރީ ގޮތުން ބަލިކަށިވުމުން ޢިސްރާއީލުން ޣައްޒާގެ އާންމުންނަށް މިހާރު ބިރުދައްކަމުން އަންނަ ކަމަށް ޣައްޒާގެ ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ތުޙުމަތުކޮށްފިއެވެ.

ޙަމާސްއިން އެ ތުޙުމަތު ކޮށްފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް މަޣާޒީ ރެފިއުޖީ ކޭމްޕަށް ޢިސްރާއީލުން ދިން ވައިގެ ޙަމަލާތަކުގައި މަދުވެގެން 70 ފަލަސްތީނު މީހުން ޝަހީދުވުމާ ގުޅިގެންނެވެ.

ހަނގުރާމައިގައި ނާޒީ ސިފައިން ބަލިވާ ކޮންމެ ފަހަރަކު ދިފާޢުވުމުގެ ބާރެއްނެތް އާންމުންނަށް އަމާޒުކޮށް ޙަމަލާދޭ ކަމަށާއި އެކަން ކުރަނީ އެމެރިކާގެ ވާގިވެރިކަމާއެކުގައި ކަމަށް ޙަމާސްގެ މެންބަރު ޢިއްޒަތު އަލް ރިޝްޤު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.

އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޢިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދެމުންގެންދާ ޙަމަލާތަކުގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ ފަލަސްޠީނު މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު 54،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ފަލަސްޠީނުގެ ސިއްޚީ ވުޒާރާއިން ހާމަކުރެއެވެ.

ޢިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން މުޅި ޣައްޒާ ވަނީ ގާތްގަނޑަކަށް ފަނާވެފައެވެ. ބޯހިޔާވަހިކަން ގެއްލި، ކާނާއާއި ސާފު ބޯފެން އަދި ސިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނުވެސް ނުލިބި އޮތްއިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ ދެބައިކުޅަ އެއްބައި މީހުން ތިބީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތިފައެވެ.

comment ކޮމެންޓް