ބްރިޖުގައި މަސައްކަތެއް ކުރުމަށް އެއް ލޭން މިރޭ ބަންދުކުރަނީ

ސިނަމާލެ ބްރިޖު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖުގައި މަސައްކަތެއް ކުރުމަށް ޓަކައި ބްރިޖުގެ އެއް ލޭން މިރޭ ދެގަޑިއިރަށް ބަންދުކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ބަންދުކުރާނީ މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅިކަމަށެވެ. އެ ލޭން ބަންދުވާނީ މިރޭ 1:00 އިން ފެށިގެން ދެ ގަޑިއިރަށްކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން އެ ވަގުތުގައި ބްރިޖުގެ ހުޅުމާލެ އިން މާލެއަށް އަންނަ ފަޅި ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން، އެ ދެ ގަޑިއިރު ބްރިޖުގައި ދަތުރުކުރާއިރު ފުލުހުން ދޭ އިރުޝާދަށް އަމަލުކުރުމަށް ވެސް ފުލުހުންވަނީ އެދިފައެވެ.

ބްރިޖުގެ އެއް ލޭން ބަންދުކޮށްގެން ކުރަނީ ކޮން މަސައްކަތެއްކަން ފުލުހުން ހާމައެއް ނުކުރެއެވެ.

މިހާރު ވެސް މެއިންޓެނެންސް މަސައްކަތަށް ދޭތެރެ ދޭތެރެއިން ބްރިޖުގެ ލޭންތައް ބަންދުކުރެއެވެ.

comment ކޮމެންޓް