ލެއްޗެ ބަލިކޮށް އިންޓާއިން އެއްވަނައިގައި ހަމަޖެހިލައިފި

އިންޓާގެ ދެވަނަ ލަނޑު ޖަހައިދިން ބަރެއްލާ -- ފޮޓޯ/ ޓީއެންޓީ ސްޕޯޓްސް

އިޓާލިއަން ސެރިއާގައި ތާވަލުގެ އެއްވަނައިގައި އޮތް އިންޓާ މިލާނުން ލެއްޗެގެ މައްޗަށް ކުރި ހޯދައިފިއެވެ.

އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު އިންޓާއިން ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޔާން އައުރެލް ބިސެކްއެވެ. އަދި، އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ މެޗުގެ 78 ވަނަ މިނެޓްގައި ނިކޮލޯ ބަރެއްލާއެވެ. މެޗުގައި މީގެ އިތުރުން ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެ ޓީމަށް ވެސް ލިބިގެންދިޔައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ލެއްޗެގެ ލެމެކް ބަންޑާއަށްވަނީ ރަތް ކަޑު ދައްކައިފައެވެ.

މި ނަތީޖާއާ އެކު އިންޓާއިން މިހާރު ވަނީ ކުޅުނު 17 މެޗުން 44 ޕޮއިންޓު ހޯދައި ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. އަދި، ލެއްޗެ އުޅެނީ 20 ޕޮއިންޓާ އެކު ތާވަލުގެ 12 ވަނައިގައެވެ.

މުބާރާތުގައި ތާވަލުގެ ދެވަނައިގައި އުޅޭ ޔުވެންޓަސްއާއި ފްރޮސިނޯން ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ޔުވެންޓަސްއެވެ.

އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފާވަނީ ޔޫވޭއިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ 12 ވަނަ މިނެޓުގައި ކެނާން ޔިލްޑީޒްއެވެ. ނަމަވެސް ފްރޮސިނޯން ވަނީ މެޗުގެ 51 ވަނަ މިނެޓްގައި ޖައިމް ބައޭޒް ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުން ޔޫވޭ މޮޅުވި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ޑުސާން ވްލަހޮވިޗެވެ.

މި ނަތީޖާއާ އެކު ޔޫވޭއަށް މިހާރު ވަނީ 40 ޕޮއިންޓް ލިބިފައެވެ. އަދި، ފްރޮސިނޯން އުޅެނީ 19 ޕޮއިންޓާ އެކު ތާވަލުގެ 14 ވަނައިގައެވެ.

comment ކޮމެންޓް