ނަތަންޔާހޫ ކުރައްވަނީ ޒާތީ ހަނގުރާމައެއް: އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު

ޢިސްރާއީލުގެ ކުރީ ބޮޑު ވަޒީރު އީހޫދު އޮލްމާޓް. ފޮޓޯ/ޓައި،މްސް އޮފް ޢިސްރާއީލް

ޣައްޒާގެ ވެރިކަން ކުރާ ހަމާސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަކޮށް ހަމާސް ނައްތަލައިލުމަކީ ޙާސިލުވާނެ ކަމެއް ނޫން ކަމަށާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ މިހާރު އެ ކުރައްވަނީ ޒާތީ ކަމެއް އިސްރާއީލުގެ ކުރީ ބޮޑު ވަޒީރު އީހޫދު އޮލްމާޓު ވިދާޅުވެއްޖެއެވެ.

އޮލްމާޓު އެގޮތަށް ވިދާޅުވެފައި ވަނީ ޢިސްރާއީލުގެ ނޫހެއް ކަމަށްވާ ހަޒަރަތުގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.

ޣައްޒާގައި މިވަގުތު ކުރަމުންދާ ހަނގުރާމައިގައި އެތައް ސަތޭކަ ބަޔަކު ޝަހީދުކުރަމުންދިޔަ ނަމަވެސް އަދި ހަމާސްގެ މުޖާހިދުން ޝަހީދުކުރި ނަމަވެސް ހަމާސް ބަލިނުކުރެވޭނެ ކަމަށް އޮލްމާޓުގެ އެ ލިޔުއްވުމުގައިވެއެވެ.

ހަމާސްގެ ވަރުގަދަކަން ފެންނައިރު، ޢިސްރާއީލުން ތައްޔާރުވާން ޖެހޭނީ މިސްރާބު ބަދަލުކުރުމަށް ކަމަށާއި ނަމަވެސް ބޯހަރު، ބޮޑާ، ކިބުރުވެރިއެއްގެ ކައިރީގައި މިއީ ކުރަން އުނދަގޫ ވާނެ ކަމެއް ކަމަށް އޮލްމާޓު ވިދާޅުވިއެވެ. ގައުމީ ވާޖިބެއްގެ ގޮތުން ކޮންމެހެން ބުނަންނަޖެހޭ އެއްޗެހި ބުނުމަކީ ފަސްޖެހެން ޖެހޭ ކަމެއް ނޫން ކަމަށްވެސް އޮލްމާޓު ވިދާޅުވިއެވެ.

މި އަދާވާތްތެރިކަން ހުއްޓާލުން އިސްރާއީލަށް މަޖުބޫރުކުރާނީ، އެމެރިކާއާއި، އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް، އަދި ޖަރުމަނުވިލާތް އިސްކޮށް އޮވެގެން ކަމަށްވެސް އޮލްމާޓު ވިދާޅުވިއެވެ.

އިސްރާއީލުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލުގެ ދެކުނަށް ދިން ޙަމަލާގައި ގާތްގަނޑަކަށް 239 މީހުން އަތުލައިގަނެފައިވެއެވެ. މި މަހުގެ ކުރީކޮޅު ދެ ފަރާތުން ބަދަލުކުރަމުން އައި ޙަމަލާތައް މެދުކަނޑައިލައިފައި އޮތް ހަފުތާއެއްހާ މުއްދަތުގެ ތެރޭގައި ދެ ފަރާތުގެ ބެލުމުގެ ދަށުގައިތިބި ބައެއް މީހުން ވަނީ މިނިވަންކޮށްފައެވެ. އިސްރާއީލުން މިހާރު ޖަލުތަކުގައި ބަންދުކޮށްފައި މިހާރުތިބީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 7،800 މީހުންނެވެ.

comment ކޮމެންޓް