ރެއާލުން އަލުން ވަރާން ގެންދަނީ

މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން -- ފޮޓޯ/ ގެޓީ

އަނިޔާގައި ހުރި ޑިފެންޑަރު ޑޭވިޑް އަލަބާގެ ބަދަލުގައި ރެއާލް މެޑްރިޑުން އަލުން ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

އަނިޔާގެ މައްސަލަތަކަކާ ގުޅިގެން ރެއާލަށް ވަނީ ޑިފެންޑަރުންގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން އަލަބާގެ އިތުރުން ސެންޓަ ބެކްގެ މަގާމަށް ކުޅޭ އެޑާ މިލިޓާއޯ ވެސް މި ވަގުތު ހުރީ އަނިޔާގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އަލުން ރެއާލްގެ ޑިފެންސް ވަރުގަދަކުރުމަށް ކޯޗު ކާލޯ އެންޗެލޮޓީ އެންމެ ބޭނުންވާ އެއް ކުޅުންތެރިޔަކީ މީގެ ކުރިން ވެސް ރެއާލްގައި ވިދައިލި، އަދި މިހާރު މެންޗެސްޓާ ޔުނައިޓެޑުގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރަމުންދާ ވަރާނެވެ. ނަމަވެސް ރެއާލުން އަދި ރަސްމީކޮށް ބިޑެއް ހުށަހަޅާފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ސީޒަނުގައި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް، ވަރާނަށް ފުރުސަތު ދީފައިވަނީ ޕްރިމިއާ ލީގުގެ އެންމެ އަށް މެޗުގައެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އޭނާއަށް ކުޅެން ލިބިފައިވަނީ އެންމެ 18 މިނެޓެވެ.

ރެއާލުން 2021 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ވަރާންގެ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ 2025 ވަނަ އަހަރުއެވެ. ނަމަވެސް ކޮންޓްރެކްޓުގައި ބާކީ އެއް އަހަރަށްވުރެ ދިގު މުއްދަތެއް އޮއްވައި، ޔުނައިޓެޑުން ވަރާން ވިއްކާލުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އުމުރުން 30 އަހަރުގެ ވަރާން ވަނީ ޔުނައިޓެޑުގެ ޖާޒީގައި 75 މެޗު ކުޅެފައެވެ.

comment ކޮމެންޓް