ނިޒާމު ކޮރަޕްޓްވުމުން މަރުގެ ހުކުމް ތަންފީޒުނުކުރާން ގޮވާލައިފި

ހިއުމަން ރައިޓްސް ވޮޗު: އެ ޖަމިއްޔާއިން ވަނީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުނުކުރާން ގޮވާލައިފައި --

ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމް ކޮރަޕްޓުވެފައި އޮތުމުން، ސަރުކާރުން ނިންމާފައިވާ މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ، މިކަމުގެ ކަންބޮޑުވުންތައް ރާއްޖެއާއި ދުނިޔޭގެ އެތައް ޖަމިއްޔާއަކުން ވެސް އުފުލާފައިވާ ކަމަށެވެ. އަދި، މިކަން ތަންފީޒުކުރަން ނިންމިއިރު، އެ ޖަމިއްޔާގެ މައިގަނޑު ކަންބޮޑުވުމަކީ، ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމު ކޮރަޕްޓުވުން ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މިކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކުގެ ތެރޭގައި އެ ޖަމިއްޔާއިން ފާހަގަ ކޮށްފައިވަނީ، އަދުލު އިންސާފުގެ ނިޒާމު ސިޔާސީވުމާއި އިންސާފު ހޯދައި ދިނުމުގައި މީގެ ކުރިން ފެއިލްވެފައިވުމެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓަރު ފެޓްރިޝިއާ ގޮސްމަން ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުން ވަގުތުން ވަގުތަށް އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.

"މިފަދަ އަނިޔާވެރިކަމާ ދެކޮޅަށް، ދުނިޔެ އެހެން ޝަރުއީ ނިޒާމުތަކެކޭ އެއްގޮތަށް ރާއްޖެއިން ވެސް ތެދުވުމަށް ގޮވާލަން،" އޭނާ ވިދާޅުވެފައިވެއެވެ.

މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ހާމަކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

ބުދަ ދުވަހު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމާޒުވީ ސުވާލަކަށް ޖަވާބުދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މަރުގެ ހުކުމް ތަންފީޒުކުރުން ކަމަށެވެ. އެކަމަކު، މާ ބޮޑު ތަފުސީލެއް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.

މަރުގެ ހުކުމް އިއްވައިފައިވާ ގާތިލުން ރާއްޖޭގައި ތިބި ނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގިޞާސް ހިފަން ބައެއް މަސައްކަތްތައް ކޮށްފައިވީ ނަމަވެސް ތަންފީޒުކުރުމާ ހަމައަށް ނުދެއެވެ.

ޔާމީން މީގެ ކުރިން ވިދާޅުވެފައި ވަނީ، މަރުގެ އަދަބު ދިނުމަކީ އަބަދު ވެސް ގަބޫލުކުރައްވާ އަދި ތާއީދު ވެސް ކުރައްވާ ކަމެއް ކަމަށާއި ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރުމަށް ދިމާވާ ބައިވަރު ހުރަސްތަކެއް ހުރި ކަމަށެވެ.

އެގޮތުން ރާއްޖޭގައި ތަހުގީގުތައް މިހާރު ކުރެވޭ ގޮތާއި ރާއްޖޭގައި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އޮތްކަމާމެދު ސުވާލު އުފެދުން ރައީސް ޔާމީން ފާހަގަކުރައްވައިފައިވެއެވެ. ރައީސް ޔާމީނަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަނީ މަރުގެ ތަންފީޒު ކުރުމުގެ ވިސްނުމެއް އެ ސަރުކާރުން ނުގެންގުޅޭ ކަމަށް ބުނެފައެވެ.

comment ކޮމެންޓް