އަންހެނުންނާއި އަލަތު ދަރިފުޅު ނިޔާވިއިރު، އުނގޫފާރު ހޮސްޕިޓަލަށް އެތައް ތުހުމަތެއް

ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބަޔަކު ހިދުމަތް ހޯދަނީ-- ފޮޓޯ/ ޓްވިޓާ

މިދިޔަ ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ރ. ވާދޫ އަލީ ފަޔާޒްގެ މާބަނޑު އަންހެނުން އެއަތޮޅު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައީ، ހުން އައުމުގެ ސަބަބުން ރަނގަޅު ފަރުވާއެއް ހޯދުމަށެވެ. ނަމަވެސް މިއަދު އޭނާގެ ލޯބިވާ އަންހެނުންނާއި ތުއްތު ދަރިފުޅު ދުނިޔެއާ ވަކިވެފައި ވާއިރު، މިކަމުގައި ފަޔާޒާއި އާއިލާއިން ތުހުމަތުގެ އިނގިލި ދިއްކުރަނީ އުނގޫފާރު ހޮސްޕިޓަލަށެވެ.

މިކަން ހިނގައިދިޔަ ގޮތް ވަރަށް ތަފްސީލުކޮށް "ސަން"އާ ހިއްސާ ކުރަމުން ފަޔާޒް ބުނީ، އޭނާގެ އަންހެނުން މަރިޔަމް ސާނިޔާ (މަރީ) ހުން އައިސްގެން އެންމެ ފުރަތަމަ ޑޮކްޓަރަށް ދެއްކީ ވާދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. ނަމަވެސް މަރީގެ ޕަލްސް ދަށް ނުވެގެން ސެޕްޓެމްބަރު 14 ވަނަ ދުވަހު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔައެވެ.

މަރީއަކީ މާބަނޑު މީހަކަށް ވުމުން ބޭސް ނުދޭނެ ކަމަށް ބުނެ އުނގޫފާރު ހޮސްޕިޓަލުން ދިނީ ލޮނު ޕެކެޓެވެ. އަދި ގަޑިންގަޑިން ކުޑަކަމުދާ މިންވަރު ބަލާ ޓެސްޓުތަކެއް ހެދުވިއެވެ.

"ސޯޅަ ވަނަ ދުވަހު އެމީހުން މި ބުނަނީ ޑިސްޗާޖް ކޮށްލާނެއޭ މާދަމާ ހެނދުނު. ކަންކަން އަންނަނީ ރަނގަޅު ވަމުންނޭ، ނުލިބެނީ ލޭގެ ރިޕޯޓެއް އެކަންޏޭ،" ފަޔާޒް ކިޔައިދިނެވެ.

ނަމަވެސް، އެރޭ އުނގޫފާރު ހޮސްޕިޓަލުން މަރީގެ ގަޔަށް އިންޖެކްޝަނެއް ޖެހިއެވެ. އާއިލާއިން ސުވާލު ކުރުމުން ޑޮކްޓަރުން ބުނީ، ތަދުވާ ވާހަކަ ބުނުމުން ތަދު ކަނޑުވަން ޖަހާ އިންޖެކްޝަނެއް ކަމަށެވެ.

ހަމަ އެރޭ ހޮސްޕިޓަލުގެ ނަރުހުން ފަޔާޒް ގާތު އެދުނީ މަރީ ގައިނީ ވޯޑަށް ބަދަލު ކުރުމަށެވެ.

"އަހަރެމެން ބުނިން މާދަމާ އަކީ ޑިސްޗާޖު ކުރަން ބުނެފަ އޮތް ދުވަހޭ. އެހެންވީމަ ކީއްކުރަން ހޭ އަސްލުގައި ބަދަލުކުރަނީ. ބުނީމަ ބުނީ މާބަނޑު އަންހެނެއް ވީމަ މިތާގަ ބަލަންވާ ވަރަށް ނުބެލޭ ވާހަކަ،" އޭނާ ބުންޏެވެ.

ގައިނީ ވޯޑަށް ކަމަށް ބުނެ ހޮސްޕިޓަލުން މަރީ ބަދަލު ކުރީ ސާޖިކަލް ވޯޑަށް ކަމަށް ފަޔާޒް ބުންޏެވެ.

އެރޭގެ ވަގުތެއްގައި މަރީގެ ބަނޑުގައި ރިއްސާފައި އޭނާ ކެއްސަން ފެށިއެވެ. ބަނޑުގައި ރިއްސުމުގެ ސަބަބުން ހޮސްޕިޓަލުން ދިނީ އައިވީއެކެވެ.

"ސޯޅަ ވަނަ ދުވަހު ވޯޑަށް ގެންދިޔަ ފަހުން ކުއްޖާއަށް ވާ ގޮތެއް ނުބަލާ. ކުއްޖާގެ ވިންދެއް ވެސް ބަލައި ނުލާ. އޭރު ވެސް އޭނާ ކެއްސާ ކަރުން ލޭއާދޭ. ކޮންމެ ފަހަރަކު ވެސް އެމީހުން ބަނޑުގައި އަތްލާފަ ބުނަނީ ވިހާކަށް ނޫނޭ ބަނޑުގައި މި ރިއްސަނީކީ" ފަޔާޒް އަސަރާ އެކު ކިޔައިދިނެވެ.

އެހިސާބުން ފަޔާޒް އެދުނީ ދަރިފުޅު ނަގައިދިނުމަށެވެ.

"އަންހެނުންގެ ޚާއްޞަ ޑޮކްޓަރު ބުނީ ބޭސް ކައިގެން ގަދަވެގެން އަންހެނުން ވިހާނެއޭ. އެކަމާ މާބޮޑަށް ހާސް ނުވާށޭ،" އޭނާ ބުންޏެވެ.

އޭގެ އަނެއް ދުވަހު އަންހެނުން ހާލު ދެރަވެގެން މާލެ ގެންދިއުމުގެ މަސައްކަތް ފެށިއެވެ. އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރަނިކޮށް، ހޮސްޕިޓަލުން އެދުނީ ފަޔާޒްގެ އަންހެނުން ވެންޓިލޭޓަރަށް ލާށެވެ.

ވެންޓިލޭޓަރަށް ލުމުގެ ތެރޭގައި ފަޔާޒްގެ އަންހެނުންގެ ހިތް ހުއްޓި ސީޕީއާރު ދިނެވެ. ޑޮކްޓަރުން ބުނީ، ފަޔާޒް އަންހެނުންގެ އޮކްސިޖަން ދަށްވަނީ ކަމަށެވެ.

ހަމަ އެރޭ ހޮސްޕިޓަލުން ފަޔާޒް ގާތު ބުނީ، ދަރިފުޅު ނަގަން ޖެހިއްޖެ ކަމަށެވެ.

"ބުނީ މައިމީހާގެ ހާލަތު ވަރަށް ގޯހޭ. މައިމީހާގެ ހާލަތު ގޯސް ނުވަނީސް އަހަރެން ބުނިން ދަރިފުޅު ނަގައިދޭށޭ. އެރޭ ދިހަ ގަޑި ކޮންމެވެސް އެއްޗެއްގައި ދަރިފުޅު ނަގަން އަހަރެން ސޮއި ކުރިން،" ފަޔާޒް ބުންޏެވެ.

ނަމަވެސް، ދަރިފުޅު ނެގުމުގެ ކަންކަން ވެސް ފެށީ އެތައް އިރެއް ފަހުން ކަމަށް ފަޔާޒް ތުހުމަތު ކުރިއެވެ. އެތައް އިރެއްގެ ފަހުން ފަޔާޒަށް ލިބުނީ، ދަރިފުޅުގެ މަރުގެ ޚަބަރެވެ.

"ގާތްގަނޑަކަށް އެރޭ އެކެއް ޖަހާއިރު ބުނީ ކުއްޖާ ބަލަން ބޭނުމިއްޔާ އަންނާށޯ. ކުއްޖާ އޮތީ މަރުވެފައި މައްޔިތެއްގެ ހާލުގައި އޮތް އިރު ކުއްޖާ އޮތީ ހަރު ވާނެ ގޮތަކަށް ހަރުވާން ދޫކޮށްލާފަ. ވަޅުލާން ދާން ހިނަވަން އައި މީހާ ވެސް ބުނީ ކިހިނެއް ހޯ މި އޮތީ މައްޔިތަށް ހަދާފަ. ކުއްޖާ އޮތީ ގުދު ވެފަ ހަރު ވެފަ،" ފަޔާޒް ބުންޏެވެ.

ދެން މަސައްކަތް ކުރީ އަންހެނުން މާލެ ގެންދިއުމަށެވެ. ނަމަވެސް އާސަންދަ ހަމަޖެއްސުމުގައި ވެސް ހޮސްޕިޓަލުގެ ފަރާތުން ކުރިމަތިވީ ގޮންޖެހުން ކަމަށް ފަޔާޒް ބުންޏެވެ.

މާލެ ގޮސް އައިޖީއެމްއެޗްގެ އެމްބިއުލާންސް މަރީ ބަލާ އައި އިރު، އެމްބިއުލާންސްގައި އޮތީ ހަމައެކަނި ވީލްޗެއާއެއް ކަމަށް ފަޔާޒް ބުންޏެވެ.

"އައިޖީއެމްއެޗް އިން ބުނީ ތިމަންނަމެނަކަށް ނޭނގެއޭ ވެންޓިލޭޓަރުގައި އޮތް ޕޭޝަންޓެއް ކަމެއް. ވެންޓިލޭޓަރުގައި ފަރުވާ ދިނުމުގެ ކަންކަމަށް ތިމަންނަމެން ރެޑީއެއް ނޫނޭ،" ފަޔާޒް ބުންޏެވެ.

އެހިސާބުން މަރީ ބަދަލުކުރީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.

"އަނެއް ދުވަހު ޓްރީޓޮޕުން ބުނީ މިތަނަށް ގެނައި އިރު މަރީގެ ސިކުނޑިއާއި، ހިތާއި، ކިޑްނީ މަސައްކަތެއް ނުކުރެއޭ،"

ސެޕްޓެމްބަރު 19 ވަނަ ދުވަހުން ފެށިގެން މަރީ އޮތީ ޓްރީޓޮޕް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައެވެ. ޓްރީޓޮޕުން އުނގޫފާރު ހޮސްޕިޓަލުގެ ޑިސްޗާޖް ސަމަރީ ހޯދަން އެދުމުން ވެސް ފަޔާޒްއަށް ޑިސްޗާޖް ސަމަރީ ހޯދުމުގައި ގޮންޖެހުންތައް ކުރިމަތިވެ އެކަން ކުރަން ޖެހުނީ ލޯޔަރެއް މެދުވެރިކޮށް ކަމަށް ފަޔާޒް ބުންޏެވެ.

ދެމަފިރިންގެ ހަމައެކަނި ދަރިފުޅުގެ މަރަށް ފަހު މިއަދު ފަޔާޒަށް ލިބުނީ ލޯބިވާ އަންހެނުންގެ މަރުގެ ޚަބަރެވެ. މި ހުރިހާ ކަމެއްގައި ފަޔާޒާއި މަރީގެ އާއިލާއިން ވެސް ތުހުމަތު ކުރަނީ އުނގޫފާރު ހޮސްޕިޓަލުން އިހުމާލު ވީކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެ ހޮސްޕިޓަލްގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގައި، އުނގޫފާރު ހޮސްޕިޓަލަށް އިހުމާލުގެ އިނގިލި ދިއްކޮށްފައި އެބަހުއްޓެވެ.

comment ކޮމެންޓް