ތުރުކީ ސަރުކާރުން ޚަރަދުކުރާ ސްކޮލާޝިޕްތަކަށް ފުރުސަތު ހުޅުވާލައިފި

މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރްޔަމް މާރިޔާ

ތުރުކީ ސަރުކާރުގެ ޚަރަދުގައި، އެ ގައުމުގައި ހުރެގެން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ސްކޮލާޝިޕްތަކުގެ ދަށުން ކިޔެވޭ ކޯސްތަކުން ފުރުސަތު ހުޅުވާލާފައިވާ އަދަދަކީ:

  • ބެޗްލާސް ޑިގްރީ: 15 ދަރުވަރުން
  • މާސްޓާސް ޑިގްރީ: 10 ދަރިވަރުން
  • ޑޮކްޓޯރަލް ޑިގްރީ: ފަސް ދަރިވަރުން

ކޯހުގެ ދާއިރާތަކުގެ މަޢުލޫމާތާއި ޝަރުތުތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވެއެވެ.

ކޯހުގެ ޝަރުތުތަކުގެ އިތުރަށް ވެސް މި ސްކޮލާޝިޕްގައި ބައިވެރިވުމަށް ހުންނަން ޖެހޭ ތިން ޝަރުތެއް ވެއެވެ. އެއީ،

  • ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން ނުވަތަ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދެއްކުން
  • އެދޭ ކޯހާ އެއްފެންވަރެއްގެ ކޯހެއް ފުރިހަމަކުރުމަށް މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން ލޯނެއް ނަގާފައިވާ ފަރާތެއްކަމުގައި ނުވުން
  • އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިނުވުން

ސްކޮލަޝިޕަށް އެދި ފޯމު ހުށަހަޅާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. ސްކޮލަޝިޕްގެ ދަށުން ޓިއުޝަން ފީ، މެޑިކަލް އިންޝުރެންސް، ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ވާގޮތުން، އެޕްލިކޭޝަން ފޯމް ހުށަހެޅޭނީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ 13:30ގެ ކުރިންނެވެ. އޭގެ ތެރެއިން އެ ސްކޮލަޝިޕަށް ނޮމިނޭޓް ކުރެވޭ ކެންޑިޑޭޓުން މިނިސްޓްރީން އެންގުމުން، އަންނަ އަހަރުގެ ފެބްރުއަރީ 20ގެ ކުރިން ސްކޮލަޝިޕްގެ އޮންލައިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެ ދަތުރުފުޅުގެ ތެރެއިން ތުރުކީން ސަރުކާރުންވަނީ، އަންނަ އަހަރުން ފެށިގެން ރާއްޖެއަށް އިތުރު 30 ސްކޮލާޝިޕްގެ ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް މީގެ ކުރިން ރައީސް ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް