ފަންޑުތައް ތަރައްގީކުރަން އިސްލާމިކް މިނިސްޓްރީން އެމްއައިބީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްލާމިކް މިނިސްޓްރީން ފަންޑުތައް ތަރައްގީކުރަން އެމްއައިބީއާއެކު ސޮއިކުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަށުން ހިންގާ ފަންޑުތައް ތަރައްގީކުރުމަށް އެހީތެރިވުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއެކު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އިސްލާމިކް ބޭންކާއި ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ޒަކާތު ފަންޑު, އަވްގާފް ފަންޑު އަދި ހައްޖު ފަންޑެވެ.

އެގޮތުން އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.

އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ސީއީއޯ، މުފައްދަލް އިދުރިސް ޚުމްރީއެވެ.

ކެޕްޝަން.. އިސްލާމިކް މިނިސްޓްރީން ފަންޑުތައް ތަރައްގީކުރުމަށް އެއްބަސްވުމަށް ބޭއްވި ރަސްމިއްޔާތުގައި ----- ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ޒަކާތު ފަންޑު އިތުރަށް ތަރައްގީކޮށް ރައްޔިތުންނަށް ފަސޭހަތަކެއް ހޯއްދަވައި ދެއްވަން ހިމަނުއްވައިފައިވާ ކަމަށެވެ.

އެގޮތުން ދާދި ފަހުން ރައީސް މުއިއްޒު ވަނީ "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި އާ އިދާރާއެއް އުފައްދަވައިދެއްވައި އެތަން އިފްތިހާހު ކޮށްދެއްވައިފައެވެ.

ޒަކާތު ފަންޑު އިތުރަށް ތަރައްގީކޮށް އެހީ ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިކޮށްދިނުމަކީ ވެސް އެ މަނިކުފާނުގެ މެނިފެސްޓޯގައި އިސްކަމެއް ދެއްވާފައިވާ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވަގުފްގެ މަޝްރޫތައް ހުރިހާ އަތޮޅެއްގައި ހިންގުމަށް ވެސް މެނިފެސްޓޯގައި ހިމަނުއްވައިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ރަށު ވަގުފާއި އަތޮޅު ވަގުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއެކު ގިނަ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންދާ ކަމަށެވެ.

މިހެންވެ، ރަށްރަށުގައި ދީނީ ތައުލީމު ދޭ ތަންތަން އިތުރުކޮށް ރައްޔިތުންނަށް އިތުރު ފަސޭހަ ގޮތްތަކެއް ހޯދައި ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް