ޢުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

އުމްރާއަށް ދިއުމަށް ދިވެހިން އެމީހުންގެ އާއިލާއާއެކު އެއާޕޯޓުގައި --- ފޮޓޯ/ ޤިބްލަ ހައްޖު އެންޑް އުމްރާ

ރާއްޖެއިން ޢުމްރާއަށް މީހުން ގެންދަން ޝައުޤުވެރިވާ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހަޅަން އިސްލާމިކް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި ކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ގެޒެޓުގައި އާންމުކުރި އިއުލާނެއްގައި ވަނީ، މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނެވެ.

ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 2022ވަނަ އަހަރު ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ގެޒެޓްކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ ފަސްވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެކަމަށް ބަޔާނުގައި ވެއެވެ. ޕްރޮޕޯޒަލް ހުށަހަޅަން ޖެހެނީ ސިޓީއުރައެއްގައި ބަންދުކޮށް، ސިޓީ އުރައިގެ ބޭރުގައި "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައެވެ.

comment ކޮމެންޓް