މާފުއްޓަށް އަންނަ ފަތުރުވެރިންނަށް، ގައިދީން ބޭނުންކޮށްގެން ސަގާފީ ކުޅިވަރު ދައްކަނީ

ގާރީ ކޯހުގައި ކިޔަވަމުން އަންނަ ގައިދީންތަކެއް --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ކ. މާފުއްޓަށް އަންނަ ފަތުރުވެރިންނަށް، މާފުށީ ޖަލުގައި ތިބޭ ގައިދީން ބޭނުންކޮށްގެން ސަގާފީ ކުޅިވަރުތައް ދައްކައިލަން މަސައްކަތް ކުރަމުން އަންނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޭސީޕީ މުހައްމަދު އާސިފް ވިދާޅުވެއްޖެއެވެ.

އާސިފް މިހެން ވިދާޅުވީ މިއަދު އިސްކަންދަރު ކޮށީގައި އޮތް 'ހޯމް ޓީމް'ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޖަލުތަކުގެ ގައިދީންނަށް ގައުމިއްޔަތު އާލާކޮށް ދިރުވުމުގެ ގޮތުން ޕްރޮގްރާމްތަކެއް ހިންގުމަކީ އެ އިދާރާއިން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެގޮތުން ގައިދީންނަށް ސަގާފީ ކުޅިވަރުތަައް ދަސްކޮށްދީ، ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން ގައިދީންގެ މެދުގައި ސަގާފީ ކުޅިވަރުތައް، އަދި ހާއްސަކޮށް އަޅުގަނޑުމެންގެ ތެރެއިން މިހާރު ނެތެމުންދާ ކުޅިވަރުތައް ގައިދީންނަށް ދަސްކޮށްދީ، އެ ކުޅިވަރުތައް ގައިދީންނަށް ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ޓަކައި، ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން އެބަ ކުރަން" އާސިފް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ނެތެމުންދާ ސަގާފީ ކުޅިވަރުތައް ގައިދީންނަށް ދަސްވެ، އެ މީހުންގެ ހަރަކާތްތައް އާންމުންނަށާއި، ފަތުރުވެރިންނަށް ދެއްކުންކަމަށެވެ.

މިހާރު ވެސް ގައިދީން އަންނަނީ އެކި މަސައްކަތްތައް ޖަލުގައި ތިބެގެން ކުރަމުންނެވެ. އޭގެ ތެރޭގައި ގަސް ހެއްދުމާއި، ފެހުމާއި އެ ނޫން ލޭބަރު މަސައްކަތްތައް ވެސް ހިމެނެއެވެ.

ޖަލުގައި ގައިދީންނަށް ކިޔެވޭނެ އިންތިޒާމު ވެސް ހުންނަނީ ހަމަޖައްސައިފައެވެ.

comment ކޮމެންޓް