އެގްރޯނެޓުގެ އެހީގައި ޣިޔާސުއްދީން ދަރިވަރުން ދަނޑުވެރިކަން ދަސްކުރަން ގާޑަންއެއް

އެގްރޯ ނެޓް ސީއެސްއާރުގެ ދަށުން ގިޔާސުއްދީން ސްކޫލަށް މިނީ ގްރީންސް ގާޑަން -- ފޮޓޯ/ އެގްރޯނެޓު

އެގްރޯނެޓް ސީއެސްއާރުގެ ދަށުން މާލީ އަދި ފަންނީ އެހީތެރިކަމާ އެކު ޣިޔާސުއްދީން ސްކޫލަށް "ޖީއެސް މިނީ ގްރީންސް ގާޑަން" މިއަދު ތައާރަފުކޮށްފިއެވެ.

ސްކޫލުގެ ފުރަތަމަ ފަންގިފިލާގައި މިކަމަށް ހާއްސަ ވަކި ތަނެއް ވަނީ ގާއިމުކޮށްފައެވެ. މި ގާޑަންގައި މައިކްރޯ ގްރީންސް ހެއްދުމުގެ ހުރިހާ ހަރަކާތެއްގައި ގްރޭޑު ފަހެއް އަދި ގްރޭޑު ހައެއްގެ ދަރިވަރުން ބައިވެރިވާއިރު، އެ ކުދިންނަށް އިރުޝާދު ދޭނީ އެގްރޯ ނެޓްގެ ފަރާތުން ތަޖުރިބާ ހޯދާފައިވާ ޓީޗަރުންނެވެ.

"މި ކުދިން ހައްދާ ތަކެތި ސްކޫލުގެ ކެންޓީނުގައި ބޭނުންކުރާނެ،" އެގްރޯ ނެޓްގެ އޮފިޝަލަކު ވިދާޅުވިއެވެ.

މީގެ އިތުރުން، ސްކޫލުގައި ހައްދާ މައިކްރޯ ގްރީންސް ބެލެނިވެރިންނަށް ގަންނަން ވެސް ލިބެން ހުންނާނެއެވެ.

މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ، މިއީ ގުރޭޑު ފަހެއް އަދި ހައެއްގެ ދަރިވަރުންގެ މޮޑިއުލްގައި ހިމެނޭ ބައެއް ކަމަށެވެ. އެހެންކަމުން އެ ކުދިންގެ ކިޔެވުމަށް މިނީ ގްރީންސް ގާޑެން ބޭނުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުސްތަފާ ވިދާޅުވީ، މީގެ ތެރެއިން ކުދިން ދަސްކުރަނީ މައިކްރޯ ގްރީންސް ހައްދާނެ ގޮތާއި، މާކެޓުގައި ވިއްކާނެ ގޮތް އަދި ގޭގައި ކެއުމަށް ބޭނުން ކުރާނެ ގޮތް ފަދަ ކަންކަން ކަމަށެވެ.

"މިއީ ވަރަށް ފަސޭހައިން ހާވެސްޓް ކުރެވޭ އެއްޗެއް. މިކަހަލަ ޕްރެކްޓިކަލް ކަންތައްތަކެއް ކުދިން މި ދަސްކުރަނީ،" މުސްތަފާ ވިދާޅުވިއެވެ.

މިއާ އެކު ކުދިންނަށް މައިކްރޯ ގްރީންގެ ފައިދާތައް ރަނގަޅަށް ދަސްވެ، ބޭނުން ކުރަން އެނގޭނެ ކަމަށް އެގްރޯ ނެޓުން އުންމީދު ކުރެއެވެ.

comment ކޮމެންޓް