ދަރިފުޅު ހަމަލާދިން މަންމަގެ ހާލު ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލައިފި

ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފްލެޓެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މަންމަގެ ހާލު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދިން ގޮތުގައި މަންމަގެ ހާލު ސްޓޭބަލް ކަމަށެވެ. އަދި މިއަދު އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން ދަރިއަކު ދިން ހަމަލާގައި މަންމަގެ ހާލު ސީރިއަސް ކަމަށް ރޭ ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަލާއާ ގުޅިގެން މީގެ ކުރިން ފުލުހުން ބުނީ، 51 އަހަރުގެ މަންމައަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލީ، 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި ހަމަލާދިން ފިރިހެން މީހާއަކީ ނަފްސާނީ ބަލި މީހެއް ކަމަށާއި އޭނާ ނަފްސާނީ ޑޮކްޓަރަކަށް ދެއްކުމުގެ މަސައްކަތް ކުރާ ކަމަށް ރޭ ފުލުހުން ބުންޏެވެ.

މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ހަމަލާދިން ފިރިހެން މީހާއަށް ނަފްސާނީ ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ފުލުހުން ބުނީ، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުން އޭނާއަށް ފަރުވާ ދެނީ އައިޖީއެމްއެޗްގައި ކަމަށެވެ.

އާއިލާގެ މެދުގައި ހިނގާ އަރައިރުންތަކުގައި މީގެ ކުރިން ވެސް ހަމަލާދީ، ބައެއް ފަހަރު ސީރިއަސް އަނިޔާ ކުރުމުގެ މައްސަލަތައް ފުލުހުން ބަލާފައި އެބަހުއްޓެވެ.

comment ކޮމެންޓް