ޔުނާންގެ ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރަނީ

ޔުނާންގެ ދެމަފިރިން: ދެމަފިރިންނަށް ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި -- ފޮޓޯ/ ފޭސްބުކް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފިލްމީތަރި މުހައްމަދު ޔުނާން ޖަލު ބަންދުން ދޫކޮށްލި މައްސަލަ މާދަމާ ހަައިކޯޓުގައި އިސްތިއުނާފުކުރަން ތައްޔާރުވެފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފިއެވެ.

ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިގެން ހައްޔަރުކުރި ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ.

އެއަށް ފަހު މިދިޔަ މާޗު މަހުގެ ތިންވަނަ ދުވަހު ރިހުލާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. އޭގެ ފަހުން މިދިޔަ ހަފުތާގެ ބުރާސްފަތީގައި ކޯޓުން ވަނީ ޔުނާން ވެސް ދޫކޮށްލަން އަމުރުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާނު، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، އެ މައްސަލަ މާދަމާ ހައިކޯޓުގައި އިސްތިއުނާފުކުރަން ތައްޔާރުވެފައިވާ ކަމަށެވެ.

މިހާތަނަށް ޔުނާނާއި ރިހުލާގެ މައްޗަށް ވެސް ހުކުމެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ޝަރީއަތްތައް މިހާރު އޮތީ ނިމޭ ހިސާބުގައެވެ.

ޔުނާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާއަށް އެންމެ މަދުވެގެން ޖުމްލަ 110 ނުވަތަ ގިނަވެގެން ޖުމްލަ 133 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޔުނާންއަށް ކުރި ދައުވާތައް:

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުޑަކުއްޖާއަށް ދެއްކުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާ ލައްވައި ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ
  • އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
    އޮރިޔާންކާޑު ގެންގުޅުމުގެ 2 ދައުވާ

ރިހުލާއަށް ކުރި ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ އެންމެ މަދުވެގެން އޭނާއަށް ޖުމްލަ 50 އަހަރު އަދި ގިނަވެގެން ޖުމްލަ 61 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ރިހުލާއަށް ކުރި ދައުވާތައް:

  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުއްޖާގެ ހާޒުރުގައި، އެ ކުއްޖާއަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ
  • އޮރިޔާންކާޑު ގެންގުޅުމުގެ ދެ ދައުވާ

ޔުނާންގެ ދެމަފިރިން ހައްޔަރުކޮށްފައި ވަނީ 2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގައެވެ.

comment ކޮމެންޓް