ބަރަހަނާ ސައިޓްތައް ބްލޮކް ކުރުމުން ކުރީގެ ޒުވާންނުންގެ މިނިސްޓަރުގެ ޝުކުރު ސަރުކާރަށް

ކުރީގެ ޔޫތް ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަމެންޓް މިނިސްޓަރު އަހުމަދު މަހްލޫފު --- ސަންފޮޓޯ/

ބަރަހަނާ ވެބްސައިޓުތައް ރާއްޖޭގައި ބްލޮކް ކުރަން ސަރުކާރުން ނިންމި ނިންމުމަށް މިދިޔަ ސަރުކާރުގެ ޒުވާނުންގެ ވަޒީރު އަހްމަދު މަހުލޫފު ޝުކުރު އަދާކުރައްވައިފިއެވެ.

ބަރަހަނާ ވެބްސައިޓުތައް ރާއްޖޭގައި ބްލޮކްކުރުމަށް ސަރުކާރުން ނިންމާފައި ވަނީ އިއްޔެއެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)އަށް އެ ކަން ކުރުމަށް ސަރުކާރުން އެންގިކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

މިކަމާ ގުޅިގެން މަހުލޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބަރަހަނާ ވެބްސައިޓުތައް ބްލޮކް ކުރަން ނިންމުމަކީ މުޖުތަމައު ބަލައިގަންނަން ޖެހޭ ކަމެއް ކަމަށެވެ.

ބަރަނަހާ ސައިޓްތަކުގެ ސަބަބުން އެނގުމާއި ނޭންގުމުގެ ތެރެއިން އެތައް ކުދިންނެއް ހަލާކުވެ، އިޖުތިމާއި މައްސަލަތައް ފެންމަތިވަމުން ދިޔަކަމަށް މަހްލޫފު ވިދާޅުވިއެވެ. އެހެންކަމުން މި މުހިންމު ނިންމުމަށް ސަރުކާރަށް ޝުކުރު އަދާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ ފަދަ ހުރިހާ ވެބްސައިޓްތަކެއް މިހާރު ބްލޮކްކޮށްފައިވާއިރު ރާއްޖޭގެ އެއްވެސް ނެޓްވޯކެއް މެދުވެރިކޮށް އެ ފަދަ ސައިޓުތަކަށް ދެން ނުވަދެވޭނެއެވެ. އަދި އެ ފަދަ ސައިޓެއް ލޯޑު ވެސް ނުކުރެވޭނެއެވެ.

މިއީ މިފަަދައިން ރާއްޖޭގައި އަމަލުކުރަން ފެށި އެންމެ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް