ލޮ ސެލްސޯއަށް ބާސާގެ ޝައުގުވެރިކަން

ޓޮޓެންހަމް ހޮޓްސްޕާގެ އާޖެންޓީނާ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ -- ފޮޓޯ/ ގެޓީ

ޓޮޓެންހަމް ހޮޓްސްޕާގެ އާޖެންޓީނާ މިޑްފީލްޑަރު ޖިއޮވާނީ ލޮ ސެލްސޯ ގެންދިއުމަށް ބާސެލޯނާއިން ޝައުގުވެރިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލޮ ސެލްސޯ ގެންދިއުމަށް ބާސާއިން ދަނީ ޖެނުއަރީ ޓްރާންސްފާއަށް ތައްޔާރުވަމުންނެވެ. ބާސާގެ ކޯޗު ޒަވީ ވެސް ގަބޫލުކުރާގޮތުގައި އެޓީމުގެ ޕޮލެންޑް ފޯވަޑް ރޮބާޓް ލެވަންޑޯސްކީއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ފެންވަރު ލޮ ސެލްސޯގެ ކުޅުމުގެ ސްޓައިލްގައި ހުރެއެވެ.

ލޮ ސެލްސޯ ގެންދިއުމަށް ބާސާއިން މަސައްކަތްކުރި ނަމަވެސް، ޓޮޓެންހަމްއިން އޭނާ ދޫކޮށްލަން ބޭނުން ނުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިނގިރޭސި މިޑްފީލްޑަރު ޖޭމްސް މެޑިސަން އަނިޔާގައި ހުރުމުން ޓޮޓެންހަމްއަށް ވަނީ ލޮ ސެލްސޯގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައެވެ.

ބާސާއަށް ފައިސާގެ ދަތިކަމުގެ ސަބަބުން ވެސް ލޮ ސެލްސޯ ގެންދިއުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އިތުރު މުސާރައެއް ދޭން ފައިސާ ނެތުމުގެ އިތުރަށް އާ ކުޅުންތެރިން ރަޖިސްޓަރީކުރުމަށް ވެސް ބާސާއަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޮ ސެލްސޯ ގެންދިއުމަށް ބާސާއަށް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ އެ ކްލަބުގެ ސްޕެއިން މިޑްފީލްޑަރު ގަވީއަށް އަނިޔާވުމެވެ. ސްޕެއިން ގައުމީ ޓީމަށް ކުޅެމުންދަނިކޮށް ގަވީއަށް އަނިޔާވުމާ އެކު ކޯޗު ޒަވީއަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައެވެ. ގަވީއަކީ ބާސާގެ ފުރަތަމަ 11ގައި އާންމުކޮށް ބޭނުންކުރާ ކުޅުންތެރިއެކެވެ.

comment ކޮމެންޓް