މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެ

މާފުށީ ޖަލު --- ފޮޓޯ/ ދުވަސް އޮންލައިން

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެއެވެ.

ކަރެކްޝަނަލް ސާވިސްއިން ބުނީ، އެ މީހާއަކީ ސްވިޓްޒަލެންޑަށް ނިސްބަތްވާ، 59 އަހަރުގެ، ޕީޓާ ތޯމަސް ޑަސް ކިޔާ މީހެއް ކަމަށެވެ.

އެ ޚިދުމަތުން ބުނީ މިއަދު އޭނާ ކުއްލިއަކަށް ހޭނެތިގެން ގޮޅީތެރެއަށް ވެއްޓުމުން، މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށެވެ. އަދި މާފުށީ މެޑިކަލް ސެންޓަރަށް ގެންގޮސް ފަރުވާ ދިނުމުން ވެސް ނޭވާ ނުލުމުން، އޭނާ މަރުވެފައިވާ ކަމަށް 4:01ގައި ޑޮކްޓަރު ކަނޑައެޅި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އޭނާއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވެސް އެ ޚިދުމަތުން ބުންޏެވެ.

އެ މީހާ މަރުވިކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވަގުތުން އަންގާފައިވާކަން ކަރެކްޝަންސްއިން ފާހަގަކުރިއެވެ.

އެ މީހާގެ ސިއްހީ މައްސަލައެއް ހުރިކަމަށް ކަމަށް ކަރެކްޝަންސްއިން ފާހަގަކޮށްފައިނުވެއެވެ.

https://sun.mv/176341

މިދިޔަ އޭޕްރިލް މަހު ވެސް މާފުށީ ޖަލުގައި ބިދޭސީ މީހަކު މަރުވެފައިވެއެވެ. އެއީ 29 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ.



comment ކޮމެންޓް