އެފްރިކާގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިނާމް އޮސިމްހޭންއަށް

އޮސިމްހޭންއަކީ 1999 ވަނަ އަހަރަށް ފަހު މިއިނާމް ލިބުނު ނައިޖީރިއާގެ ފުރަތަމަ ކުޅުންތެރިޔާ / ފޮޓޯ: ދި ނިއު ޓައިމްސް

އެފްރިކާ ބައްރުގެ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ އިނާމް އިޓާލިއަން ސެރީއާގެ ނަޕޯލީއަށް ކުޅެމުންދާ ނައިޖީރިއާގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ ވިކްޓާ އޮސިމްހޭންއަށް ލިބިއްޖެއެވެ.

އޮސިމްހޭންއަށް މި އިނާމް ދީފައިވަނީ މޮރޮކޯގެ މަރަކޭޝްގައި ރޭ ބޭއްވި ކޮންފަޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކަފް)އިން ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ. މިފަހަރު މި އިނާމް އޮސިމްހޭން ހާސިލް ކޮށްފައިމިވަނީ މިސްރުގެ ފާހަގަ ކޮށްލެވޭ ފޯވަޑް މުހަންމަދު ސަލާހް އާއި މޮރޮކޯގެ އަޝްރަފް ހަކީމީއާ ވާދަކޮށްގެންނެވެ. މިއާއެކު އޮސިމްހޭން ވެފައިވަނީ 1999 ވަނަ އަހަރު އެންވާންކްވޯ ކާނޫއަށް ފަހު މިއިނާމް ހާސިލްކުރި ނައިޖީރިއާގެ ފުރަތަމަ ފިރިހެން ކުޅުންތެރިޔާ އަށެވެ.

އުމުރުން 24 އަހަރުގެ އޮސިމްހޭން މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމާއެކު އޭނާއަށް މިއިނާމް ލިބޭނެކަމަށް ކުރިންވެސް އައީ ގިނަ ބަޔަކު ގަބޫލް ކުރަމުންނެވެ. މިދިޔަ އަހަރު އޭނާ ހޯދާފައިވާ ކާމިޔާބީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ވެފައިވަނީ 33 އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިޓާލިއަން ސެރީއާގެ ތަށި ސްކުޑެއްޓޯ ނަޕޯލީއަށް ކާމިޔާބު ކޮށްދިނުމުގައި އޭނާ އަދާކުރި މުހިންމު ދައުރެވެ. މިގޮތުން އޭނާވަނީ 32 މެޗްގައި 26 ލަނޑު ނަޕޯލީއަށް ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން އޮސިމްހޭންއަށް ވަނީ އިޓާލިއަން ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވި އަހަރުގެ މޮޅު ކުޅުންތެރިޔާގެ އިނާމްވެސް ލިބިފައެވެ.

އޮސިމްހޭންއާއި، އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އިނާމް ހޯދި ނައިޖީރިއާގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ އަސިސާޓް އަޝޮއަލާ -- ފޮޓޯ/ ކަފް

މިހަފުލާގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އިނާމް ލިބިފައިވަނީ ބާސެލޯނާއަށް ކުޅެމުންދާ ނައިޖީރިއާގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ އަސިސާޓް އަޝޮއަލާއެވެ. މިދިޔަ ފަހަރުވެސް މިއިނާމް ހާސިލް ކުރި އަޝޮއަލާ މިހާރު މިވަނީ މި އިނާމް ހަ ފަހަރަށް ކާމިޔާބުކޮށްފައެވެ. އޭނާއާ އެންމެ ގާތުން މިފަހަރު މިއިނާމަށް ވާދަކޮށްފައިވަނީ ދެކުނު އެފްރިކާގެ ތެމްބީ ކުގަޓްލާނާއާއި ޒެމްބިއާގެ ބާބްރާ ބަންޑާއެވެ.

މިހަފުލާގައި ކަފްގެ އަހަރުގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައިވަނީ ނައިޖީރިއާގެ އަންހެން ގައުމީ ޓީމްގެ ކޯޗް ޑެސީރީ އެލިސްއެވެ. އަދި ފިރިހެން އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ގަތަރު ވާލްޑް ކަޕްގެ ސެމީފައިނަލަށް ދަތުރު ކުރި އެފްރިކާގެ ފުރަތަމަ ޓީމް ކަމަށްވާ މޮރޮކޯގެ ކޯޗު ވަލީދު ރެގްރަގޫއެވެ. ހަމަ އެއާއެކު އަހަރުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ މޮރޮކޯ ޓީމްގެ ޔަސީން ބޯނޯއެވެ. އަދި އަންހެން އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ނައިޖިރިއާގެ ޗިއަމާކާ އެންނަޑޯޒީއެވެ.

އެހެން އިނާމްތަކަށް ބަލައިލާއިރު އަހަރުގެ އެންމެ މޮޅު ފިރިހެން ގައުމީ ޓީމަކަށް ހޮވުނީ މޮރޮކޯއެވެ. އަންހެން ގައުމީ ޓީމަކަށް ހޮވުނީ ނައިޖީރިއާއެވެ.

އަހަރުގެ އެންމެ މޮޅު ފިރިހެން ޒުވާން ކުޅުންތެރިޔަކަށް ހޮވުނީ ސެނެގާލްގެ ލެމީން ކަމާރާއެވެ. އަދި އަންހެން ޒުވާން ކުޅުންތެރިޔާގެ އިނާމް ލިބުނީ މޮރޮކޯގެ ނެސްރީން އެލް ޗާޑްއަށެެވެ. އަދި އަހަރުގެ އެންމެ މޮޅު ފިރިހެން ކްލަބަކަށް މިސްރުގެ އަލް އަހްލީ ހޮވުނު އިރު އެންމެ މޮޅު އަންހެން ކްލަބަކަށް ހޮވުނީ ދެކުނު އެފްރިކާގެ މަމެލޯޑީ ސަން ޑައުންސްއެވެ.

comment ކޮމެންޓް