ބޭންކް އޮފް ސިލޯނާއި މޮރިޝަސް ކޮމާޝަލް ބޭންކުން ފަވަރައިގެ ޚިދުމަތް ދޭން ފަށައިފި

އިތުރު ދެ ބައިވެރިން 'ޕާޓިސިޕޭޝަން އެގްރީމަންޓް' ގައި ސޮއިކުރުމުގެ ތެރެއިން-- ފޮޓޯ/ އެމްއެމްއޭ

ބޭންކް އޮފް ސިލޯން އަދި މޮރިޝަސް ކޮމާޝަލް ބޭންކުން ފަވަރައިގައި ބައިވެރިވެ އެ ޚިދުމަތް ދޭން ފަށައިފިއެވެ.

ފަވަރަ އަކީ ރާއްޖޭގައި ފަސޭހަ، އަވަސް، އަދި ރައްކާތެރި ޕޭމަންޓް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތައްޔާރުކޮށްފައިވާ އިންސްޓްންޓް ޕޭމަންޓް ސިސްޓަމެކެވެ.

މިކަމާ ގުޅިގެން އެމްއެމްއޭ އިން ބުނީ މި ދެ ބޭންކުން ވެސް މިހާރު ވަނީ ފަވަރައާ ގުޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ފުރިހަމަކޮށްފައި ކަމަށެވެ. އަދި ޕައިލެޓް ޓްސްޓިން ވެސް ނިންމައިފައިވާކަމަށް ބުންޏެވެ.

އެއާއެކު މިއަދުން ފެށިގެން އެ ދެ ބޭންކުގެ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފާއާއި، ފަަވަރަ ރިކުއެސްޓްގެ އިތުރުން ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން ފަވަރައިގެ ހުރިހާ ޚިދުމަތެއް ލިބޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

އަލަށް ފަވަރައާ ގުޅުނު މި ދެ ބޭންކު ހިމަނައިގެން މިހާރު ޖުމްލަ ފަސް ބޭންކަކުން ފަަވަރައިގެ ޚިދުމަތް ލިބޭނެއެވެ.

ދެން ހިމެނެނީ ބޭންކް އޮފް މޯލްޑިވްސް އާއި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ އަދި، ސްޓޭޓް ބޭންކް އޮފް އިންޑިއާއެވެ

އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ތައާރަފުކުރި، "ފަވަރަ" ޕޯޓަލްއިން އެއް ބޭންކުން އަނެއް ބޭންކަށް ވަގުތުން ފައިސާ ފޮނުވޭނެއެވެ. އަދި އައިޑީގެ ޚިދުމަތް މެދުވެރިކޮށް، ފޯނު ނަންބަރު ނުވަތަ އީމެއިލް އެޑްރެސް ޖަހައިގެން އެކައުންޓު ނަންބަރު ހިއްސާނުކޮށް ފައިސާގެ މުއާމަލާތް ކުރެވޭނޭއެވެ.

comment ކޮމެންޓް