ކުޑަ ކުއްޖަކަށް ހަމަލާދިން ކަމަށް ރިޕޯޓެއް ނުކުރޭ: ހާދިސާ ހިނގިތޯ ބަލަނީ

އޭޕްރީލް 4، 2020: ފުލުހެއް މަގުމަތީގައި: ފުލުހުން ބުނީ ކުޑަކުއްޖަކަށް ހަމާލާދީ ޒަޚަމުކޮށްލި މައްސަލައެއް ހުށަހެޅިފައިނުވާ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ހުޅުމާލޭގައި ކުޑަކުއްޖަކަށް ހަމަލާދިން ކަމަށް މީސްމީޑިއާގައި ދެކެވުނު ނަމަވެސް އެފަދަ ރިޕޯޓެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ހުޅުމާލޭ ސެންޓްރޯ މޯލްގެ ލިފްޓެއް ތެރޭގައި ފުރާވަރުގެ ކުއްޖަކަށް ހަމަލާދީ، ޒަޚަމްކޮށްލާފައިވާ ކަމަށް ރޭ މީސްމީޑިއާގައި ވަނީ ދައުރުވެފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިނުވާ ކަމަށެވެ. އެކަމަކު، އެފަދަ ހާދިސާއެއް ހިނގާފައިވޭތޯ އެ މުއައްސަސާއިން ބަލަމުން އަންނަ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

"އެފަދަ ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެ ކަންތައް ހިނގި ކަމަށް ބުނާ ސަރަހައްދު ބަލައި، އެފަދަ ކަމެއްގެ މަންޒަރު ފެނުނު މީހަކު ވޭތޯ ނުވަތަ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ވޭތޯ ބެލުމަށް އެ ސަރަހައްދުގެ މީހުންނަށް ސުވާލުކުރެވިފައިވެއެވެ،" ފުލުހުން މިއަދު ނެރުނު ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ، މިހާތަނަށް ބެލިބެލުމުން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ފަރުވާ ހޯދާފައިވާކަމުގެ މަޢުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި، ހާދިސާ ހިނގިތަން ކަމަށް ބުނާ ތަނުން އެފަދަ ކަމެއް ހިނގިކަމުގެ މާއްދީ އެއްވެސް ހެއްކެ ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައިވާނަމަ 3322111 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފައެވެ.

މި ފަހަކަށް އައިސް ގޭންގު މާރާމާރީތައް އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ފަހުން މާލެއާއި އައްޑޫ ސިޓީގައި ވެސް ބޮޑެތި މާރާމާރީތަކެއް ހިނގައިގެން ފުލުހުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ.

comment ކޮމެންޓް