ފޭސްބުކާއި އިންސްޓަގްރާމުން ކުޑަކުދިން ޓްރެފިކް ކުރުމަށް މަގުފަހިކޮށްދޭ ބުނާ މައަސަލައެއް

ފޭސްބުކާއި އިންސްޓަގްރާމުން ކުޑަކުދިން ޓްރެފިކް ކުރުމަށް މަގުފަހިކޮށްދޭ ކަމަށް ބުނާ މައްސަލައެއް، އެމެރިކާގެ ހުޅަނގު ދެކުނުގައި އޮންނަ ސްޓޭޓެއް ކަމަށްވާ ނިއު މެކްސިކޯގެ އެޓާނީ ޖެނެރަލް ރައުލް ޓޮރޭޒް މެޓާއާ ދެކޮޅަށް ހުށަހަޅުއްވައިފިއެވެ.

އެ ދައުވާގައި ބުނެފައި ވަނީ މެޓާ އިން "ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ ބާޒާރެއް" އުފައްދައިދީފައި ވަނީ ރަނގަޅަށް މޮނިޓާ ނުކުރުމުގެ ތެރެއިން ކަމަށެވެ. އެގޮތުން ކޮންމެ އުމުރެއްގެ ކުއްޖަކަށް ވެސް ބޭނުންކުރެވޭ އެ ޕްލެޓްފޯމްތަކުގައި ކުޑަކުދިންނަށް، ޖިންސީ އަމަލުތައް ފެންނަ ވީޑިއޯތަކުގެ އިޝްތިހާރުތަކާއި އެފަދަ އެހެން އެކައުންޓުތައް ފެންނަ ކަމަށް އެ މައްސަލައިގައިވެއެވެ.

ޓޮރޭޒް ވިދާޅުވި ގޮތުގައި އޭނާގެ އޮފީހުގެ ތަހުގީގަށް އެނގިފައިވާ ގޮތުން ކުޑަކުދިންނާ ނުގުޅޭ ތަފާތު ކަންކަން މިފަދަ އެހެން އެއްވެސް ޕްލެޓްފޯމެއްގައި ނުހުންނަ މިންވަރަށް ފޭސްބުކާއި އިންސްޓަގްރާމްގައި ހުރެއެވެ.

ޓޮރޭޒް ވިދާޅުވިގޮތުގައި މެޓާގެ އެންފޯސްމަންޓް ޕޮލިސީތައް ޓެސްޓް ކުރުމަށް ޓޮރޭޒްގެ އޮފީހުގެ އިންވެސްޓިގޭޓަރުން ވަނީ ފޭކް ޕްރޮފައިލްތަކެއް ހަދައިފައެވެ. އެ ޓީމުން ވަނީ 13 އަހަރުގެ އަންހެން ކުއްޖަކާއި އެ ކުއްޖާގެ މަންމަގެ ގޮތުގައި ސިފަކޮށް އެކައުންޓްތަކެއް ހުޅުވައި، "އަންހެން ދަރިފުޅު ޓްރެފިކް ކުރަން ޝައުގުވެރިވާ" ކަމަށް ބުނެފައެވެ. މި ދެ އެކައުންޓުން ވެސް ފޭސްބުކްގެ 5،000 ފްރެންޑް ލިމިޓަށް ކުޑަދުވަސްކޮޅެއްގެ ތެރޭ ވަނީ އަރައިފައެވެ.

މިފަދަ ކަންކަމަކީ ކުޑަކުދިންނަށް ތަފާތު ގޯނާތައް އިންޓަނެޓް މެދުވެރިކޮށް ކުރުމަށް ފުރުޞަތު ލިބޭކަމަކަށްވާއިރުވެސް، އެއިން އެއްވެސް އެކައުންޓެއް ފޭސްބުކުން ފްލެގްކޮށްފައި ނުވާކަމަށް އޭޖީގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ނިއު މެކްސިކޯގެ އަންފެއާ ޕްރެކްޓިސް ގާނޫނާ ހިލާފުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮންމެ މައްސަލައެއްގައި މެޓާއިން 5،000 ޑޮލަރު ހޯދަން ހުށަހަޅާފައިވާ މި ދައުވާގައި ވަނީ މެޓާ އާއި އިންސްޓަގްރާމްގެ ސަބަބުން ނިއު މެކްސިކޯގެ "އެތައްހާސް" ކުޑަކުދިންގެ ސިއްހަތާއި ސަލާމަތަށް ނުރައްކާވާ ކަމަށެވެ.

މިދައުވާއަށް މެޓާއިން ވަނީ ރައްދު ދީފައެވެ. މެޓާގެ ބްލޮގްޕޯސްޓެއްގައި ބުނެފައިވަނީ ޗައިލްޑް އެކްސްޕްލޮއިޓޭޝަން އަކީ ބިރުވެރި ޖަރީމާއެއްކަމަށާއި، އޮންލައިންކޮށް އެފަދަ ކަންތައްތައް ކުރާ މީހުންނަކީ ކުށްވެރިން ކަމަށް ކަނޑައެޅިފައި ވާނެކަމަށެވެ.

މެޓާއިން މަސައްކަތްކުރަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ޗައިލްޑް ސޭފްޓީ އެކްސްޕާޓުންގެ އެހީއާއެކު، ނެޝަނަލް ސެންޓަ ފޮ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރަންއަށް ކޮންޓެންޓް ރިޕޯޓްކުރުމާއި، އެހެނިހެން ކުންފުނިތަކާއި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާއެކު މަޢުލޫމާތުތަކާއި ވަސީލަތްތައް ޙިއްޞާކުރަމުން ކުށްވެރިން އެޕްލެޓްފޯމުން ބޭރުކުރުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މެޓާއިން ކުޑަކުދިންގެ ރައްކާތެރިކަމުގެ ފީޗާތައް ހަރުދަނާ ކުރަމުންދާކަން އިއުލާނުކުރިތާ ހަފުތާއެއް ނުވަނީސް ވޯލް ސްޓްރީޓް ޖާނަލްއިންވެސް ފޭސްބުކާއި އިންސްޓަގްރާމްގައި ޕެޑޯފައިލް ނެޓްވޯކްތަކުގެ ހަރަކާތްތައް މަދުކުރުމުގައި މެޓާ ފެއިލްވަމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

comment ކޮމެންޓް