މެޓާއިން އިންސްޓަގްރާމަށް ބޮޑު އަޕްޑޭޓެއް ނެރެފި

މެޓާ އިން އިންސްޓަގްރާމަށް ބޮޑު އަޕްޑޭޓެއް ނެރެފިއެވެ.

މި އަޕްޑޭޓްގެ ސަބަބުން އިންސްޓަގްރާމަށް މެސެޖިންގެ މުޅިން އާ ފީޗާތަކެއް ގެނެސްދެއެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އަޕްޑޭޓާކީ މެސެޖެއް ފޮނުވުމަށްފަހު އެ މެސެޖްތައް އެޑިޓް ކުރުމުގެ ގާބިލުކަމެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފީޗާތައް މެޓާގެ މެސެޖިން އެޕް ވަޓްސްއެޕްގައި ލިބެން ހުންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

މި ފީޗާތައް ތައާރަފްކުރުމާއެކު މެޓާ އިން ބޭނުންވަނީ އިންސްޓަގްރާމް ބޭނުންކުރާ މީހުން ވީޑިއޯ އާއި ފޮޓޯތައް ބަލައި ޝެއާކުރުމުގައި އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމާއެކު، އެ ޕްލެޓްފޯމަށް ޔޫޒަރުންގެ މެދުގައި އޮންނަ ތާއީދު އިތުރުކުމެވެ.

މެޓާއިން ނެރުނު ފަހުގެ އަޕްޑޭޓްގެ ތެރެއިން ބައެއް ފީޗާތަކަށް ބަލައިލާނަމެވެ.

އިންސްޓަގްރާމްގައި މެސެޖުތައް އެޑިޓް ކުރުން

މި ފީޗާގެ ސަބަބުން މެސެޖް ފޮނުވުމަށްފަހު 15 މިނެޓްތެރޭގައި އެމެސެޖް އަލުން އެޑިޓް ކުރެވޭނެއެވެ. މެސެޖެއް އެޑިޓް ކުރުމަށް ޓަކައި ފޮނުވި މެސެޖަށް ފިތާލައިގެން ކުޑައިރުކޮޅަކު ހިފަހައްޓާލައިގެންހުރުމުން ލިބޭ އޮޕްޝަންތަކުން އެޑިޓްކުރުމުގެ އިޚްތިޔާރު ލިބޭނެއެވެ. ދެން އެޑިޓް ކޮށްލުމަށްފަހު އަލުން ފޮނުވާލެވޭނެއެވެ.

އިންސްޓަގްރާމްގެ މެސެޖިން - ސްކްރީން ޝޮޓެއް: ފޮޓޯ -- މެޓާ

އިންބޮކްސްގެ އެންމެ މައްޗަށް މެސެޖެއް ޕިން ކުރުން

މި ފީޗާގެ ސަބަބުން އިންސްޓަގްރާމްގައި އިންބޮކްސްގެ އެންމެ މަތީގައި ބަހައްޓަން ބޭނުންވާ ކޮންމެވެސް ތިން މެސެޖެއް ޕިން ކުރެވޭނެއެވެ. ޗެޓެއް ޕިން ކުރުމަށް ބޭނުންވާނަމަ އިންބޮކްސްތެރެއިން އެ މެސެޖަކަށް ފިތާލައިގެން އިރުކޮޅަކު ހުރުމުން "ޕިން" އޮޕްޝަން ލިބޭނެއެވެ. ދެން އެ އޮޕްޝަން ސެލެކްޓް ކޮށްލުމުން އެ މެސެޖެއް ބޮކްސްގެ އެންމެ މަތިން ފެންނާނެއެވެ.

ސްޓިކާ ސޭވް ކުރުން

އިންސްޓަގްރާމް ބޭނުންކުރާ މީހުންނަށް މިހާރު ސްޓިކާ ސޭވް ކުރެވޭނެއެވެ. މި ފީޗާ ބޭނުން ކުރުމަށް ބޭނުންނަމަ ސޭވް ކުރަން ބޭނުންވާ ސްޓިކާއަށް ފިތާލައިގެން ކުޑައިރުކޮޅަކު ހުރުމުން ސްޓިކާ ސޭވްކުރަން އޮޕްޝަންލިބޭނެއެވެ.

އަދި މެސެޖަކަށް ރިޕްލައި ކުރާއިރު، ސްޓިކާ، ޖިފް، ވީޑިއޯ، ފޮޓޯ އަދި ވޮއިސް މެސެޖް ބޭނުންކޮށްގެން ރިޕްލައި ކުރެވޭނެއެވެ. މި ފީޗާ ބޭނުން ކުރުމަށް ޓަކައިވެސް، ރިޕްލައި ކުރަން ބޭނުންވާ މެސެޖަށް ފިތާލައިގެން އިރުކޮޅަކު ހުރުމުން ރިޕްލައި އޮޕްޝަނުން އެބޭނުންވާ އެއްޗެއް ނެގުމުގެ އިޚްތިޔާރު ލިބޭނެއެވެ.

ޗެޓް ތީމްތައް

އިންސްޓާގްރާމްގެ ފަހުގެ އަޕްޑޭޓްގައި ޗެޓް ތީމްތައް ބަދަލުކުރެވޭ ގޮތަށް ވެސް ފީޗާއެއް ވަނީ އިތުރު ކޮށްފިއެވެ. އެގޮތުން ލަވް، ލޮލީޕޮޕް އެވަޓާ، އަދި ދަ ލާސްޓް އެއާބެންޑާ ފަދަ ރީތި ތީމުތައް ހިމެނެއެވެ.

އިންސްޓަގްރާމްގެ ބެލެނިވެރި ކުންފުނި މެޓާއިން ބުނެފައިވަނީ މި އަޕްޑޭޓްތައް މިހާރުދަނީ ރޯލް ކުރަމުން ކަމުގައެވެ.

އެހެންކަމުން ފަހުގެ އަޕްޑޭޓްތައް ބައެއް ފަރާތްތަކަށް އަދި ނުލިބުމަކީ އެކަށީގެންވާ ކަމެއްކަމުގައިވީ ނަމަވެސް ވަރަށް އަވަހަށް އެ އެޕްޑޭޓްތައް ލިބޭނެއެވެ.

comment ކޮމެންޓް