އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެން ނުލިބޭތާ 12 ގަޑިއިރު، ރައްޔިތުން ބޮޑު ދަތިކަމެއްގައި

އައްޑޫ -- ފޮޓޯ/ ޔުނެސްކޯ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ސާފު ފެން ނުލިބި، ފެނުގެ ޚިދުމަތް ކެނޑިފައި ހުންނަތާ 12 ގަޑިއިރަށްވުރެ ގިނައިރުވެ ރައްޔިތުންގެ ޝަކުވާތައް ފެންމަތިވާން ފަށައިފިއެވެ.

މިއަދު މެންދުރުފަހުން ފެށިގެން އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ސާފު ފެން ވަނީ ކެނޑިފައެވެ. އައްޑޫއަށް ސާފު ފެން ފޯރުކޮށްދެނީ ފެނަކައިންނެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މޫލުކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދު ވިދާޅުވީ ފެން ކެނޑުނީ ކުއްލިއަަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

އޭނާ ވިދާޅުވީ ސާފު ފެން ނުލިބުމުގެ ސަބަބުން ގުޅިފައިވާ ރަށްތަކުގެ ހުރިހާ ރައްޔިތުން ވެސް ތިބީ ވަރަށް ދަތި ހާލުގައިކަމަށެވެ. އެގޮތުން ފާޚާނާގެ ބޭނުންތަކާއި، އެ ނޫން ޒަރޫރީ ކަންކަމުގައި ވެސް ފެން ނުލިބުމުގެ ދަތި ވަރަށް ބޮޑަށް އެބައޮތްކަމަށް ވިދާޅުވިއެވެ.

"މިއަދު މެންދުރު އަޅުގަނޑު ދަރިފުޅު ސްކޫލަށް ގެންދަން ފެންވެރުވީ ވެސް ފިހާރައިން މިނެރަލް ވޯޓާ ގަނެގެން،" ކަންބޮޑުވުން ހިއްސާކުރަމުން އައްޑޫ ރައްޔިތަކު "ސަން"އަށް ކިޔައިދިނެވެ.

މި ކަމާ ގުޅިގެން ފެނަކައިގެ ބަހެއް ހޯދަން މަސައްކަތްކުރި ނަމަވެސް އަދި ލިބޭގޮތެެއް ނުވެއެވެ.

އައްޑޫއަކީ މާލޭ ސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑު ސިޓީއެވެ. 12،000އަށްވުރެ ގިނަ ރައްޔިތުން އައްޑޫގައި ދިރިއުޅެއެވެ. އޭގެ ތެރެއިން ބޮޑު ބައެއް އުޅެނީ ގުޅިފައިވާ ރަށްތަކުގައެވެ.

comment ކޮމެންޓް