އައްޑޫގައި ވަޅިޖެހި މައްސަލައިގެ ތުހުމަތުން ސަލާމަތްވި ލޫތު، އެހެން މައްސަލައެއްގައި ޖޫރިމަނާކޮށްފި

ދެ ފުލުހެއް މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ހިންގި ވަޅިޖެހުމުގެ ނުރައްކާތެރި މާރާމާރީއެއްގައި ކުރިން ދައުވާ ލިބުނު ސ. ފޭދޫ، ޝަބްނަމީވިލާ، އަޙްމަދު ލޫތުގެ މައްޗަށް އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރިކަމުގެ ކުށް ސާބިތުވެ، 5،400 (ފަސްހާސް ހަތަރުސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ފޭދޫ ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 ވަނަ އަހަރު ހިނގި ހާދިސާއަކާ ގުޅިގެން ލޫތުގެ މައްޗަށް ދައުލަތުން އުފުލި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 615 ވަނަ މާއްދާގެ ދަށުން "އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ" ކުށް ވަނީ ޝަރީޢަތަށް ސާބިތުވެފައެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ބަންދެއް ކަމަށްވީ ނަމަވެސް، ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާއާއި 1006 ވަނަ މާއްދާގެ ދަށުން ޖަލު އަދަބު ވަނީ 5،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި މި ފައިސާ، ހުކުމް ކުރި ދުވަހުން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ލޫތުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ލޫތުގެ މައްޗަށް ޖޫރިމަނާގެ އަދަބެއް އައިއިރު، އޭނާއަކީ 2020 ވަނަ އަހަރު ސ. ގަމުގައި ހިންގި ނުރައްކާތެރި މާރާމާރީއެއްގައި ވެސް ދައުވާ އުފުލި މީހެކެވެ.

އެގޮތުން 17 އޭޕްރީލް 2020 ގައި އައްޑޫގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ކައިރީގައި، މީހެއްގެ ބުރަކަށީގެ 11 ތަނަކަށް ތިލައިގައި ތިން އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދީ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ލޫތުގެ އިތުރުން ސ. ފޭދޫ ހަވީރީނާޒް އިޢުތިޞާމް މުޙައްމަދާއި، އެ ރަށު ރަންދޯދިގޭ އަޙްމަދު ފަރީޝްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ.

ނަމަވެސް އެ ފަހަރު ޝަރީޢަތުގައި ލޫތުގެ މައްޗަށް އެ މާރާމާރީގެ ކުށް ސާބިތުވެފައެއް ނުވެއެވެ.

comment ކޮމެންޓް