ސިޓީ ފަހަތަށް ޖައްސާލައި، ވިލާ ތިންވަނައަށް

ސިޓީ އާއި ދެކޮޅަށް ބެއިލީ ލަނޑު ޖެހުމަށް ފަހު އެހެން ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ -- ފޮޓޯ/ ޕަންޗް ނިއުސްޕޭޕާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް އެސްޓަން ވިލާއިން ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ވިލާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ސިޓީން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މެޗުގައި ވިލާއިން 22 ހަމަލާ އުފެއްދިއިރު ސިޓީއަށް އުފެއްދިފައިވަނީ ފުރަތަމަ ހާފުގައި އާލިން ހާލަންޑް އުފެއްދި ދެ ހަމަލާ އެކަންޏެވެ.

މެޗު ވިލާއިން ފަށާފައިވަނީ ވަރަށް ފޯރިއާ އެކުއެވެ. މިގޮތުން މެޗުގެ ކުރީކޮޅު ރަނގަޅު ދެތިން ހަމަލާ ވެސް ވިލާއިން އުފެއްދިއެވެ. އަދި, ސިޓީގެ ކީޕަރު އެޑަސަން ވަނީ ނުރައްކާތެރި ދެތިން ހަމަލާ މިވަގުތު ކޮޅުގެ ތެރޭގައި ދިފާއުކޮށްފައެވެ. ނަމަވެސް މާ ގިނައިރުތަކެއްނުވެ ދެން ފެނިގެންދިޔައީ ސިޓީން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ވިލާގެ ގޯލަށް ނުރައްކާ ކުރަން ފެށި ތަނެވެ. މިގޮތުން ހާލަންޑް ފޮނުވައިލި ދެ ހަމަލާއެއް ވަނީ ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއުކޮށްފައެވެ. މި ހަމަލާތަކާ އެކު ވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ހަމައެކަނި ލަނޑު ވިލާއިން ކާމިޔާބުކުކޮށް ލީޑު ނަގާފައިވަނީ މެޗުގެ 74 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިއޮން ބެއިލީއެވެ.

މި ނަތީޖާއާ އެކު ވިލާއިން މިހާރު ވަނީ 15 މެޗުން ލިބިފައިވާ 32 ޕޮއިންޓާ އެކު ސިޓީ ފަހަތަށް ޖައްސާލައި ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލައިފައެވެ. ސިޓީ މިހާރު އޮތީ 30 ޕޮއިންޓާ އެކު ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް