ބޮޑު ތުހުމަތެއް ކުރެވުނު އަލީ ވަހީދު އެމްޑީޕީއަށް

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ސަރުކާރުގެ ފުރަތަމަ ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު އަނެއްކާ ވެސް އެމްޑީޕީއަށް މިއަދު ސޮއިކޮށްފިއެވެ.

އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއާ އަލުން ގުޅިފައިވާ ކަމަށެވެ. އަދި، އެމްޑީޕީއާއި ގައުމާއި ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާ އެކު ޚިދުމަތް ކުރާނަން ކަމަށެވެ.

އަލީ އަކީ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭނާ އެނބުރި އެމްޑީޕީއަށް ސޮއިކޮށްފައިވަނީ ހަތް އަހަރާއި ހަތް ދުވަސް ފަހުންނެވެ.

އަލީ ވަހީދު ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕޭނުގައި ހަރަކާތްތެރިވެފައެވެ. އޭނާ، ކެންޕޭނަން ނުކުތީ ދެ އަހަރު ވަންދެން އިނގެރޭސިވިލާތަށް އަމިއްލައަށް އަރުވާލެވިގެން ހުންނެވުމަށް ފަހުއެވެ.

އެކަމަކު، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު، ސެޕްޓެމްބަރު 20ގައި އޭނާ ވަނީ ޖޭޕީން ވަކިވެފައެވެ.

އިނގެރޭސިވިލާތަށް އޭނާ ވަޑައިގަތީ ރޭޕް ކުރަން އުޅުމާއި ޖިންސީ އަނިޔާކުރުމާއި ޖިންސީ ގޯނާ ކުރުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލުމުން، ޝަރީއަތުގެ މަރުހަލާގެ ތެރެއިން ބޭސްފަރުވާއަށް ކަމަށް ބުނެއެވެ.

އެ ދައުވާތައް އަލީ ވަހީދުގެ މައްޗަށް އުފުލީ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަގާމުގައި ހުންނަވައި އެ ވުޒާރާގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ.

ރާއްޖެ އަނބުރާ ވަޑައިގެންނެވި އިރު، އެ މައްސަލަތައް ވަނީ ފައިލްކޮށްފައެވެ. އަދި، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ކޮށްފައިވާ ދެ މަހާއި، 12 ދުވަހުގެ ހުކުމް ވެސް އޮތީ ބާތިލުކޮށްފައެވެ.

އޭނާ ރާއްޖެއަށް ވަޑައިގެންނެވި ދުވަހު ނޫސްވެރިންނަށް ބައްދަލުކުރައްވާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތުގައި ދެން އުޅުއްވުމުގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. ދެން ބޮޑަށް ފެންނާނީ ފުޓުބޯޅައިގެ ދާއިރާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު އޭނާ ގެންދަނީ 'އެޓޯލްސް އެފްސީ'ގެ ނަމުގައި ފުޓުބޯޅަ ޓީމެއް ހަދައިގެން އެ ޓީމުގެ ކޯޗުކަން ކުރައްވަމުންނެވެ.

comment ކޮމެންޓް