ހިޔާ ފްލެޓުގެ މަހު ކުއްޔަށް ދެން ދައްކަން ޖެހޭނީ 3،984 ރުފިޔާ

"ޑރ. މުއިއްޒު ރައްޔިތުންނާއެކު" އިވެންޓުގައި މުއިއްޒު ވާހަކަދައްކަަވަނީ --- ފޮޓޯ/ މުއިއްޒު

ހިޔާ ފްލެޓުތަކުގެ އަގުން ދެ ލައްކައަށްވާ ވަރަށް އަގު ކުޑަކުރުމަށް ފަހު، ދެން މަހަކަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984.21 ރުފިޔާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައި ރައީސް ޑރ. މުއިއްޒު ވަނީ، ހިޔާ ފްލެޓްގެ ފިނިޝިންއަށް ދިޔަ ޚަރަދު ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ، ހިޔާ ފްލެޓު ލިބުނު މީހުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަތް އަހަރަށް މިހާރު ދައްކަން ޖެހެނީ މަހަކު 5،300 ރުފިޔާ ކަމަށެވެ. ނަމަވެސް ފިނިޝިންއަށް ދިޔަ ޚަރަދުގެ އެވަރެޖަށް ބަލައި، މަހު ކުލި ކުޑަކުރަން މިއަދު ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"[ހަތް އަހަރުގެ] މުއްދަތަށް ބަދަލެއް ނައިސް، އެފެކްޓިވްލީ ދެ ލައްކަ ރުފިޔާ ކޮންމެ ފްލެޓަކުން އަޅުގަނޑުމެން މި އުނިކޮށްދެނީ،" މުއިއްޒު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ އެކަން ހަމަޖެއްސުމަށްޓަކައި ފިނޭންސް މިނިސްޓްރީ ހިމެނޭ ގޮތަށް، ކަމާ ގުޅުން ހުރި ދިރާސާ ކޮށްފައިވާ ކަމަށާއި އެއީ ކުރެވޭނެ ކަމެއްކަން ދެނެގަނެވިފައިވާ ކަމަށެވެ.

ހިޔާ ފްލެޓަށް އެންމެ ފުރަތަމަ، މެއިންޓެނަންސް ފީއާއެކު މަހަކަށް ނަގަމުން އައީ 8،500 ރުފިޔާއެވެ. ނަމަވެސް، މިދިޔަ މެއި މަހު ގެނައި ބަދަލާއެކު، މެއިންޓެނަންސް ފީއާއެކު ކުރިއަށް އޮތް ހަތް އަހަރަށް 6،300 ރުފިޔާ ދައްކާ ގޮތަށް ހަމަޖެއްސިއެވެ.

https://sun.mv/177267

އޭރު ޕްލޭނިން މިނިސްޓްރީން ބުނީ، އެއީ ހިޔާގެ ކުލި ކުޑަ ކުރުން ނޫން ކަމަށާއި އެއީ ކުލި ދައްކަން ޖެހޭ މުއްދަތު އިތުރު ކުރުން ކަމަށެވެ. އެގޮތުން އެ ބަދަލާއެކު، ފްލެޓަށް ކުލި ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުވެފައިވާ ކަމަށް އޭރު މިނިސްޓްރީން ބުންޏެވެ.

ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި ހިޔާ ޓަވަރުތަކުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދިނުން ހިމެނެއެވެ.

comment ކޮމެންޓް