އިންޑޮނޭޝިއާގެ ފަރުބަދައެއް ގޮވައި 11 މީހުން މަރުވެއްޖެ

އިންޑޮނޭޝިއާގެ މަރަޕީ ފަރުބަދަ ގޮވި ވަގުތު ސައިކަލެއްގައި ދެމީހަކު ދުއްވާފައި ދަނީ. ފޮޓޯ/ދަ ޓެލްގްރާފް

މިދިޔަ އާދިއްތަ ދުވަހު އިންޑޮނޭޝިއާގެ މަރަޕީ ފަރުބަދަ ގޮވައި, އެ ވަގުތު ފަރުބަދައަށް އަރަމުން ދިޔަ 11 މަރުވެ، 12 މީހަކު ގެއްލިފައިވާކަން ހާމަވެއްޖެއެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާގައި ހުރި އެ އަލިފާން ފަރުބަދަ ގޮވިއިރު، 75 މީހުން އެ ސަރަހައްދުގައި ތިބި ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އޭގެ ތެރެއިން 26 މީހަކު އެ ސަރަހައްދުގައި އަދިވެސް ތިބީ ތާށިވެފައެވެ.

"އެ ސަރަހައްދުގައި ތިބި 26 މީހަކު އެތަނުން އަދި ނުނެރެވޭއިރު، އޭގެ ތެރެއިން 14 މީހަކު މިހާރު ވަނީ ފެނިފައި. ތިން މީހަކު ދިރިތިއްބާ ފެނުނުއިރު، 11 މީހުން ތިބީ މަރުވެފައި،" ޕަޑަންގް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ އަބްދުލް މަލިކު ވިދާޅުވިއެވެ.

އަލިފާން ފަރުބަދަ ގޮވައި މަންޒަރު ފެންނަ ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި ފަރުބަދަ ގޮވުމުގެ ސަބަބުން އަލިފާންގަނޑުން އުފެދުނު އަޅިތައް ވަނީ މުޅި ސަރަހައްދަށް ފެތުރިފައެވެ.

އާދީއްތަ ދުވަހުގެ ގޮވުމަށްފަހު އިއްޔެ ވެސް ކޮންމެ ވެސް ވަރަކަށް ފަރުބަދަ ވަނީ ގޮވައިފައެވެ. އެ ގޮވުމުގެ ސަބަބުން ސަލާމަތީ މަސައްކަތްތެރިންނަށް ވަނީ އެމީހުންގެ އޮޕަރޭޝަންތައް ހުއްޓައިލަން މަޖުބޫރުވެފައެވެ.

ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ކައިރީގައި އޮންނަ އިންޑޮނޭޝިއާ ސަރަހައްދުގައި މިހާރު ވެސް 127 އަލިފާން ފަރުބަދަ އެބަހުއްޓެވެ. މާރާޕީ ފަރުބަދަ ހިމެނެނީ އޭގެ ތެރޭގައެވެ. އެ ފަރުބަދައިގެ ފުން މިނުގައި 2،891 މީޓަރު (ގާތްގަނޑަކަށް 9،500 ފޫޓު) ހުރެއެވެ.

އިންޑޮނޭޝިއާގެ ދެވަނަ އެލާޓް ލެވެލްގައި މިހާރު އޮތް މާރާޕީ ފަރުބަދައަކީ ސުމަޓްރާގައި އެންމެ ހަރަކާތްތެރި އަލިފާން ފަރުބަދަތަކުގެ ތެރޭގައި ހިމެނޭ އެއް ފަރުބަދައެވެ.

1979 އަހަރު އެ އަލިފާން ފަރުބަދަ ގޮވައި ހިނގި އެންމެ ނުރައްކާތެރި ހާދިސާގައި، 60 މީހުން މަރުވެފައިވެއެވެ.

އިންޑޮނޭޝިއާގެ މާރާޕީ އަލިފާން ފަރުބަދަ ގޮވިއިރު، މި މަހުގެ ދެ ވަނަ ދުވަހު ޕިލިޕީންސްގެ ދެކުނުގައިވާ މިންދަނާއޯއަށް ވަނީ ބާރުގަދަ ބިންހެލުމެއް ވެސް އައިސްފައެވެ.

comment ކޮމެންޓް