ޣައްޒާގައި އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރާލިކަން ހާމަވެއްޖެ

ހަމާސްގެ މުޖާހިދުން ޔަހޫދީ ސިފައިންނާ އެއްގަމުން ހަނގުރާމަ ކުރަނީ

ޣައްޒާ (04 ޑިސެންބަރު 2023): ދުނިޔޭގެ އެންމެ އަނިޔާވެރި ގައުމުގެ ގޮތުގައި ސިފަކުރެވޭ ޔަހޫދީ އިސްރާއީލުން އިއްޔެ އެކަނިވެސް ފަލަސްތީނުގެ އާންމުންގެ 316އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި ދެހާހަށްވުރެގިނަ މީހުން ޒަޚަމްކޮށްލި ނަމަވެސް ފަލަސްތީނު މުޖާހިދުންގެ ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކުވެސް މަރާލިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ހަމާސްގެ ބަޔާންތަކުންނާއި އިސްރާއީލުގެ ބައެއް ނޫސްވެރިންގެ ފަރާތުންނެވެ. އިސްރާއީލު ސަރުކާރުން އެއްބަސްވެފައިވަނީ އެންމެ ތިން ސިފައިން މަރުވެ ބައެއް ސިފައިން ޒަޚަމްވިކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ސިފައިން މަރުވިކަން އިސްރާއީލުން ދޮގުކޮށްފައެއް ނުވެއެވެ. އިސްރާއީލުގެ ދިފާއީ ވުޒާރާ ބުނާގޮތުން ހަމާސްގެ ހަމަލާތަކުގައި މިހާތަނަށް މަރުވެފައިވަނީ އިސްރާއީލު ސިފައިންގެ 375 މީހުންނެވެ. ނަމަވެސް އިސްރާއީލުގެ ހާހެއްހާ ސިފައިން މަރާލައި ހަތަރު ވަރަކަށް ހާސް މީހުން ޒަޚަމްކޮށްލާފައިވާނެ ކަމަށް ހަމާސްއިން ބުނެއެވެ.

ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި އިއްޔެ މަދުވެގެން އިސްރާއީލުގެ 30 ވަރަކަށް ސިފައިން މަރާލާފައިވާނެކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ. މިހާ ގިނައަދަދެއްގެ ސިފައިން މަރުވެފައިވަނީ ޣައްޒާ ހުޅަނގު އުތުރުގެ ސަރަހައްދެއްކަމަށްވާ އައްތައްވާމްގެ އިމާރާތަކަށް އިސްރާއީލު ސިފައިންގެ ބަޔަކު އެއްގަމު ހަނގުރާމައިގައި ނޭނގުމެއްގެ ތެރެއިން އެ އިމާރާތަށް ވައްދައި އެއިމާރާތް ގޮއްވާލައިގެންނެވެ.

ޔަހޫދީ ސިފައިން

އިމާރާތް ގޮއްވާލިތާ އިރުކޮޅެއް ފަހުން އެތަނުން މަދު އަދަދެއްގެ ސިފައިން ނުކުމެގެން ދިޔަ ކަމަށާއި އެމީހުންނަށް ވެސް ވަރަށް ގާތުން ވަރުގަދަ ހަމަލާތަކެއްދީ އޭގެތެރެއިން އެއްބަޔަކު މަރާލައި އަނެއްބަޔަކު ޒަޚަމްކޮށްލިކަމަށް ހަމާސްގެ ބަޔާން ބުނެއެވެ.

ގޮއްވާލި އިމާރާތުގެ ތެރެއިން މަރުވި ސިފައިންނާއި ޒަޚަމްވި ސިފައިން ފެނުނުކަމަށް ހަމާސްއިން ބުނެފައިވެއެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނަށް ޔަހޫދީންގެ އިތުރު ފައުޖެއް އައިސް އާމެޑް ވެހިކަލްތަކުގައި މަރުވި މީހުންގެ ހަށިތަކާއި ޒަޚަމްވި ސިފައިން ގެންދިޔަ ކަމަށާއި އެތަނަށްވެސް ވަރަށް ގާތުން ހަމަލާތައް ދީފައިވާނެކަމަށް ހަމާސް އިން ބުނެފައިވެއެވެ.

އިސްރާއީލުގެ ބައެއް ނޫސްތަކުންވަނީ އިއްޔެ ޣައްޒާގައި އިސްރާއީލު ސިފައިންގެ ގިނަ އަދަދެއްގެ ބަޔަކު މަރުވެ އަދި ޒަޚަމްވިކަން ކަށަވަރުކޮށްދީފައެވެ. އަދަދެއް ހާމަ ނުކުރެއެވެ. އިސްރާއީލުގެ ދިފާއީ ވުޒާރާއިން އެއްބަސްވީ އެންމެ ތިން ސިފައިން މަރުވިކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ ސިފައިން މަރުވިކަން ދޮގުކޮށްފައެއް ނުވެއެވެ.

އިސްރާއީލު ހަނގުރާމައިގެ ކެބިނެޓުންވަނީ ޣައްޒާގައި އިސްރާއީލު ސިފައިންނަށް ލިބޭ ގެއްލުންތަކުގެ ޚަބަރު ސަރުކާރު ބޭނުންނުވާގޮތަށް ފަތުރާ ނޫސްތަކާ ދެކޮޅަށް އިސްރާއީލުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ޚަބަރު ފަތުރާކަމުގެ ތުހުމަތުކުރުމަށްފަހު ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.

ފަލަސްތީނު މުޖާހިދުންގެ ރައްދު ހަމަލާތަކުގައި ސިފައިން މަރުވާ އަދަދު އިސްރާއީލު ގެންދަނީ ސިއްރު ކުރަމުންނެވެ. މިގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގައި މަރާލި އިސްރާއީލު ސިފައިންގެ އިސް އޮފަސަރެއްގެ މަރަށްވެސް އިސްރާއިލުން އިއުތިރާފު ވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ކާނަލް އަސާފު ހަމާމީ ނަމަކަށް ކިޔާ މި އޮފްސަރު އޮކްޓޯބަރު ހަތެއްގައި މަރާލާފައިވާކަމަށް އިސްރާއީލުން އިއްޔެވަނީ އެއްބަސްވެފައެވެ. އިސްރާއީލު ބުނިގޮތުގައި އޭނާގެ ހަށިގަނޑުވެސްވަނީ ހަމާސްގެ އަތްދަށުގައެވެ. މީގެކުރިން އިސްރާއީލުވަނީ މިއޮފިސަރު މަރުވިކަން ސިއްރުކޮށްފައެވެ.

ލުބްނާނުގެ ހިޒްބުﷲ އިން އިއްޔެ އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގައިވެސް އިސްރާއީލުގެ 11 މީހަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވެއެވެ.

އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއް ނެތި އެމެރިކާގެ ބާރުގަދަ ފައިޓާޖެޓްތަކުން ބޮން އަޅައި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާއިރު އިސްރާއީލުގެ ހުރިހާ ހަމަލާތަކެއްވެސް އަމާޒުކުރަނީ ފަލަސްޠީނުގެ ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރަށާއި ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށާއި ސްކޫލްތަކަށެވެ. މިއީ ގަތުލުއާންމާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކެވެ.

އެއްގަމުން ހަމާސްގެ މުޖާހިދުންނާ ކުރިމަތިލައިގެން އެއްވެސް ކުރިއެރުމެއް އިސްރާއީލުގެ ޔަހޫދީ ފައުޖުތަކަކަށް ނުލިބެއެވެ. ހަނގުރާމަކޮށްގެން ހަމާސްގެ އަތްދަށުގައިވާ ޔަހޫދީ ސިފައިންގެ އެކަކުވެސް މިނިވަން ކުރުމުގައި އިސްރާއީލުވަނީ ނާކާމިޔާބުވެފައެވެ.

comment ކޮމެންޓް