އިސްރާއީލު ބައިވެރިކުރާތީ ޔޫރަޕްގެ 4 ގައުުމަކުން ޔޫރޯވިޝަން މުބާރާތް ބޮއިކަޓް ކުރަނީ

ވިއެނާ (8 ޑިސެންބަރު 2025) : ޔޫރަޕްގެ އިއްތިހާދުގެ ސަގާފީ ހަރަކާތެއްގެ ގޮތުގައި އަންނަ އަހަރު ބާއްވާ ޔޫރޯވިޝަން ލަވަ މުބާރާތުގައި ޔަހޫދީ އިސްރާއީލު ބައިވެރި ކުރުމަށް ހަމަޖެހިފައިވާތީ އެ މުބާރާތް ބޮއިކަޓް ކުރަން ޔޫރަޕްގެ ހަތަރު ގައުމަކުން ނިންމައިފިއެވެ.

މުބާރާތް ބޮއިކަޓްކުރަން ނިންމި ހަތަރު ގައުމަކީ ސްޕެއިން، ނެދަލެންޑްސް، އަޔަލެންޑް އަދި ސްލޮވީނިޔާއެވެ. ރިޕޯޓްތައް ބުނާގޮތުން މި ހަތަރު ގައުމުން ޔޫރޯވިޜަން ލަވަ މުބާރާތް އިންތިޒާމުކުރާ ފަރާތަށް އަންގާފައިވަނީ އިސްރާއީލަކީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާ ކަމަށް ބައިނަލްއަގްވާމީ ފެންވަރުގައި ތުހުމަތު ކުރެވިފައިވާ ގައުމެއްކަމަށާއި އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތައް ފަދަ މަދަނީ ތަންތަނަށް ހަމަލާދީ އަދި ގަތުލުއާންމުތައް ހިންގައި 70 ހާހަށްވުރެގިނަ އާންމުން މަރައިފައިވާއިރު އިސްރާއީލު ބައިވެރި ކުރުވާ މުބާރާތެއްގައި ބައިވެރިވާން ބޭނުން ނުވާކަމުގައެވެ.

މުބާރާތް ބޮއިކަޓްކުރަން ނިންމި ސްޕެއިނަކީ މާލީ ގޮތުން މި މުބާރާތަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ. އެހެންކަމުން ސްޕެއިން ހިމެނޭގޮތަށް ޔޫރަޕްގެ ހަތަރު ގައުމަކުން މުބާރާތް ބޮއިކޮޓް ކުރުމަކީ އެ ގައުމުތަކުން ސްޕޮންސަޝިޕްގެ ގޮތުގައާއި އެ ގައުމުތަކުގެ ބްރޯޑްކާސްޓަރުންގެ ފަރާތުން މި މުބާރާތަށް ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށަށްދާނެކަމެކެވެ. މި މައްސަލާގައި މުބާރާތް އިންތިޒާމުކުރާ ފަރާތުންވަނީ ކަންބޮޑުވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުން އިސްރާއީލު ބައިވެރިކުރާތީ މި މުބާރާތް ބަލާމީހުންގެ އަދަދު ވެސް ބޮޑުތަނުން ދަށަށްދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ޔޫރޯވިޜަން ލަވަ މުބާރާތް އިންތިޒާމު ކުރަނީ ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން އިންނެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނައަހަރުގެ މެއި މަހު އޮސްޓްރިޔާގައެވެ.

މި މުބާރާތުގައި އިސްރާއީލު ބައިވެރިކުރުވުމާމެދު ގައުމުތައް ދެކޭގޮތް ބެލުމާމެދު ވޯޓަކަށް ދިއުމަށް ކުރި ޑިމާންޑްތަކަށް ޔޫރަޕިއަން ބްރޯޑްކާސްޓިން ޔޫނިއަން ވަނީ ދެކޮޅު ހަދާފައެވެ. އެ ޔުނިޔަން އިން އެކަމާ ދެކޮޅު ހެދީ ސަރުކާރުތަކުގެ ނުފޫޒު މުބަރާތުގެ މައްޗަށް ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ބުނެއެވެ. މި މުބާރާތް އިންތިޒާމު ކުރުމަށް ބޭނުންވާ ފައިސާ ހޯދަނީ ބައިވެރިވާ ގައުމުތަކުގެ ބްރޯޑްކާސްޓަރުންގެ ފަރާތުންނާއި ސްޕޮންސަޝިޕް ހޯދައިގެންނެވެ.

ސްޕެއިން، ނެދަލެންޑްސް، އަޔަލެންޑް އަދި ސްލޮވީނިޔާ އަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުފުލައި މުޒާހަރާކޮށް ހަދާ ރައްޔިތުން ވަރަށް ގިނަ ގައުމުތަކެކެވެ.

އެހެންކަމުން މި މުބާރާތަށް މި ހަތަރު ގައުމުން މާ ބޮޑު އޯޑިއަންސްއެއް ނުލިބޭނެކަމަށް ވަނީ ބެލެވިފައެވެ. މީގެއިތުރުން މި ހަތަރު ގައުމުގެ ސްޕޮންސަރުންގެ ވެސް މާލީ އެހީތެރިކަމެއް މި މުބާރާތަށް ނުލިބޭނެތީ މުބާރާތް ބޭއްވުމަށް ބޭނުންވާ މިންވަރަށް ފައިސާ ހަމަނުޖެހިދާނެކަމުގެ ބިރު ވެސް ވަނީ ހީވެފައެވެ.

comment ކޮމެންޓް