އަސްލަމް ގަވާއިދާ ހިލާފުވި ކަމަށް ބުނެ އެމްޑީޕީ މެންބަރުންގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދުގެ ޖަލްސާގައި ކޯރަމް ހަމަކުރެއްވީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅު ކުރައްވައިފިއެވެ.

މިއަދުގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގެ އެޖެންޑާ އިއުލާނު ކުރައްވައި ނިމުނުތަނުން އެމްޑީޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފައެވެ. މެންބަރު ވިދާޅުވީ، މަޖިލީހުގެ ގަވާއިދުގައި ކޯރަމްއަކީ މެންބަރުންގެ 25 އިންސައްތަ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރީގައި މި މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ކަމުގައި ވީނަމަވެސް މި މަޖިލީހުން އިސްތިއުފާ ދެއްވައިފައި ތިބި ބޭފުޅުންނަކީ މެންބަރުން ކަމަށް ބަލައިގެން މި ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަކުރުން އެއީ ނިޒާމީ މައްސަލައެއް،" ޝިފާއު ވިދާޅުވިއެވެ.

"މަޖިލީހުގެ ގަވާއިދާ ހިލާފަށް ރިޔާސަތުން މި ވަގުތު ކުރަމުންދާ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަ ކުރެވޭތީ އެކަން ސަމާލުކަމަށް ގެނެސް، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ކޯރަމް ހަމަކުރުމަށް އެދޭ ވާހަކަ ދަންނަވައިލަން،"

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ---- ފޮޓޯ/ މަޖިލިސް

އޭނާގެ ނިޒާމީ ނުކުތާއަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި މެންބަރުންގެ އަދަދު ކަނޑައަޅައި ގޮތެއް ސާފުކޮށް ބަޔާންކޮށްފައިނުވާ ކަމަށެވެ.

އެހެންވެ، އެ ކަމުގައި އަމަލުކުރަން ޖެހޭނީ މަޖިލީހުގެ އަމަލުކުރަމުންދާ އާންމު އުސޫލުގެ މަތިން ކަމަށެވެ.

"މިހާރު މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމުގައި ބަަލައިގެން އެ މާއްދާގައި އެ ބުނާ 25 އިންސައްތަ ހިސާބު ޖަހަނީ. އެހެންވެ، ޖަލްސާ ފަށަން އޮންނަ ކޯރަމަކީ ވެސް 22 ކަމުގައި މި ކަނޑައަޅަނީ،" އަސްލަމް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، އެހެންވެ ޝިފާއު ހުށަހެޅުއްވި ނިޒާމީ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ/ މަޖިލިސް

އެކަމަކު، އެ ހިސާބުން އެމްޑީޕީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި އެ މައްސަލަ އަނެއްކާ ވެސް ފާހަގަ ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ، ޝިފާއު ނެންގެވީ ހަގީގަތުގައި ވެސް ނިޒާމާ ބެހޭ މައްސަލައެއް ކަމަށާއި އެ މައްސަލައަށް މަޖިލީހުގެ ގަވާއިދުގެ ތެރެއިން އަވަސް ހައްލެއް ހޯއްދަވަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ކޯރަމްއަކީ ވެސް އެ ގޮނޑިތައް އެއީ ދިރުމެއްވާ އެއްޗެއް ގޮތަށް ބަލައިގެން ހަމަކުރެވޭ ކަމަށް މި ބެލެވެނީ،" ރިޒާ ވިދާޅުވިއެވެ.

އެކަމަކު، ދެން ވެސް ރިޔާސަތުގައި އިންނެވި އަސްލަމް ވިދާޅުވީ އެއީ ނިޒާމާ ބެހޭ މައްސަލައެއް ނޫން ކަމަށެވެ. މަޖިލީހުގެ ކޯރަމް ހަމަކޮށްފައިވަނީ ގަވާއިދާ އެއްގޮތަށް ކަމަށް އެ މަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ.

"ގަވާއިދަށް އިއްޒަތްތެރި މެންބަރުން ބަދަލެއް ގެންނަވަނީނަމަ، އިއްޒަތްތެރި މެންބަރުން އެ ބަދަލެއް ގެނެސްދެއްވުން އެދެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރިން އެމްޑީޕީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނެވި އަސްލަމް މަޖިލީހުގެ ރައީސްކަމަށް އިންތިޚާބު ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް