ޑިޒްނީ ހޮޓް ސްޓާގައި ކޮންމެ ހަފުތާއަކު ގެނެސްދޭ ޓޯކް ޝޯވް "ކޮފީ ވިތު ކަރަން"ގެ އަށްވަނަ ސީޒަންގައި ކްރިތީ ސެނޮން ޓްރޭޑިން ޕްލެޓްފޯމްތައް ޕްރޮމޯޓް ކުރަމުން އަންނަ ކަމަށް ބުނުމުން، އެ ޚަބަރު ފަތުރާ މީހުންނާ ދެކޮޅަށް ދައުވާ ކުރަން އޭނާ ނިންމައިފިއެވެ.
ބަތަލާ ޓްރޭޑިންގް ޕްލެޓްފޯމްތައް ޕްރޮމޯޓްކުރި ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާކަން އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާ ވަނީ ހާމަކޮށްފައެވެ.
މި ކަމާ ދެކޮޅަށް ނެރުނު ނޫސް ބަޔާނެއްގައި ކްރިތީ ބުނީ، ޝޯގައި އެއްވެސް ޓްރޭޑިން ޕްލެޓްފޯމަކާ ބެހޭ ގޮތުން ވާހަކަދައްކާފައިނުވާނެ ކަމަށެވެ. އަދި، މިފަދަ އަބުރު ގެއްލޭ ފަދަ ރިޕޯޓުތަކަށް ސަމާލުވުމަށް ސަޕޯޓަރުންނާއި ފޮލޯވަރުންގެ ކިބައިން އޭނާ ވަނީ އެދިފައެވެ.

ކްރިތީ އާއި ޓައިގާ ޝްރޮފް 'ކޮފީ ވިތު ކަރަން'ގެ އެޕިސޯޑެއްގައި --
އުމުރުން 33 އަހަރުގެ ބަތަލާ އެންމެ ފަހުން ފެނިގެން ދިޔައީ ވިކާސް ބަހަލް ޑައިރެކްޓް ކޮށްފައިވާ "ގަނަޕަތު - އަ ހީރޯ އިޒް ބޯން" އިންނެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނު ނަމަވެސް ސެނޮންއަށް ވަރަށް އުއްމީދީ ފިލްމީ ޕްރޮޖެކްޓްތަކެއް ކުރިއަށް އެބަހުއްޓެވެ. އޭގެ ތެރޭގައި ޝާހިދު ކަޕޫރާ އެކު ރޮބަޓެއްގެ ރޯލުން ކްރިތީ ފެންނަ ފިލްމު ފާހަގަ ކޮށްލެވެއެވެ. މި ފިލްމަކީ ވަރަށް ހިތްގައިމު ލޯބީގެ ފިލްމެކެވެ. ނަން ހާމަކޮށްފައިނުވާ މި ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާއަށް އަންނާނެއެވެ.
އަދި، ކަރީނާ ކަޕޫރާއި ތާބޫ ލީޑް ރޯލުން ފެނިގެންދާ އެކްތާ ކަޕޫރުގެ ފިލްމެއް ކަމަށްވާ "ދަ ކްރޫ"ގައި ވެސް ބަތަލާ ލީޑް ރޯލުން ފެނިގެންދާނެއެވެ. ހަމައެއާ އެކު ކްރިތީ އަންނަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ތައާރަފުވާ ފިލްމު "ދޯ ޕައްޓީ"އަށް ވެސް ތައްޔާރުވަމުންނެވެ.