އައިޝްވާރިޔާ ވަރިކުރަން ނޫޅޭ ކަމަށް އަބީޝެކް ބުނެފި

އަބީޝެކް އަންހެނުން އައިޝްވާރިޔާއާ އެކު--ފޮޓޯ/ފިލްމުފެއަ

ބޮލީވުޑްގެ ފިލްމީތަރިން ކަމަށްވާ އަބީޝެކާއި އައިޝްވާރިޔާގެ ކައިވެނި ނިމުމަކަށް އައިސްފައިވާ ކަމަށާއި ދެ މީހުން ވަކިވާން އުޅޭކަމަށް މިހާތަނަށް މީޑިއާތަކުގައި ދެކެވެމުން އައީ އެއްވެސް އަސާސެއް ނެތް ހަމަނުޖެހޭ ވާހަކަތަކެއް ކަމަށް އަބީޝެކް ބުނެފިއެވެ.

ދާދި ފަހުން ޕީޕިންގް މޫންގެ ޕޮޑްކާސްޓެއްގައި ބައިވެރިވަމުން އަބީޝެކް ބުނީ، މީޑިއާތަކުން އޭނާގެ ޒަވާޖީ ހަޔާތާ ގުޅޭގޮތުން ދެއްކި ވަރަށް ގިނަ ވާހަކަތައް އެނގޭ ކަމަށެވެ.

ނަމަވެސް، އެ ވާހަކަތަކަށް ރައްދު ދިނުމަކީ އެއީ އެހާ މުހިއްމު ކަމެއް ނޫން ކަމަށާއި މީޑިއާތަކާ މުއާލަމާތުކުރާނެ ގޮތްތައް އެކްޓަރުގެ މައިންބަފައިން ކުޑައިރުއްސުރެ ވެސް ކިޔައިދީ، އެ ކަމަށް ތަމުރީނުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެފަދަ ބޭކާރު ތާކުންތާކުނުޖެހޭ ވަހާކަތަކާ ގުޅިގެން ރައްދު ދޭން ބޭނުންވީ އޭނާ އެ ކަމަށް ބޭނުންވީމާ ކަމަށާއި މީޑިއާތަކުން ބޭނުންވާއިރަކު ނޫން ކަމަށް އަބީޝެކް ވަނީ ބުނެފައެވެ.

ފިލްމީ ދާއިރާގައި އުޅޭ ކޮންމެ ފަންނާނަކީ ވެސް މީޑިއާތަކުން ދައްކާ އެފަދަ ވާހަކަތައް ތަހައްމަލުކުރާނެ ބައެއް ކަމަށާއި އެއީ އެމީހުން ކުރާ މަސައްކަތްތަކުގެ ވަރަށް ބޮޑު ހިއްސާއެއް ކަމަށް އަބީޝެކް ވަނީ ބުނެފައެވެ.

އައިޝްވާރިޔާ އާއި އަބީޝެކް ދަރިފުޅު އަރާދިޔާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އަބީޝެކާއި އައިޝްވާރިޔާ ކައިވެނިކުރުމުގެ ކުރިން ވެސް މީޑިއާތަކުން ދިޔައީ އެއްވެސް ކަހަލަ ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރަމުން ކަމަށާއި، އޭރު އެ މީހުން ކައިވެނިކުރާނެ ތާރީޚު ވެސް ބައެއް މީޑިއާތަކުން އަމިއްލަ އަމިއްލައަށް ކަނޑައެޅި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެންމެ ފަހުން އެ ދެތަރިންގެ ކައިވެނި ނިމުމަކަށް ގެނެސް ވަރިކުރާނެ ތާރީޚު ވެސް ކަނޑައެޅީ މީޑިއާތަކުން ކަމަށާއި އެއީ ދެން ތަންފުކެއް ބޮޑުވަރު ކަމަށް އަބީޝެކް ބުނެފައިވެއެވެ.

އަނބިމީހާ އަދި އިންޑިއާގެ މަގުބޫލު ބަތަލާ އައިޝްވާރިޔާއާއި ދަރިފުޅު އަރާދިޔާއާ އެކު އެކްޓަރު ދިރިއުޅެމުން އަންނަނީ ވަރަށް އުފާވެރި ދިރިއުޅުމެއްގައި ކަމަށާއި ދެ މީހުންނަށް ވެސް އެކަކު އަނެކަކުގެ ހަގީގަތް އެނގޭއިރު މީހުން ދައްކާ ވާހަތަކަށް ސަމާލުކަން ދިނުމުގެ އެއްވެސް މާނައެއް ނެތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

ނަމަވެސް، އެކްޓަރުގެ އާއިލާއާ ގުޅޭގޮތުން މީޑިއާތަކުން ދައްކަމުން އަންނަ ވާހަކަތައް ތަހައްމަލުކުރެވޭނީ ވަކި ވަރަކަށް ކަމަށާއި އެފަދަ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ދާދި ފަހުން ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު އުފުލާލި އަބީޝެކް ވަނީ ބުނެފައެވެ.

ދެ ތަރިންގެ ކައިވެންޏަށް 18 އަހަރު ފުރިފައިވާއިރު އަދިވެސް އެ ކައިވެންޏަކީ ދުޅަހެޔޮ ކައިވެންޏެއް ކަމަށާއި ދުއާއަކީ އެ ދިރިއުޅުން އެގޮތުގައި އޮތުން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މި ޕޮޑްކާސްޓުގައި އަބީޝެކް ވަނީ އައިޝްވާރިޔާއާ އެންމެ ފުރަތަމަ ބައްދަލުވީ ދެ ތަރިން އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމު "ދާއި އަކްޝަރު ޕްރޭމް ކޭ"އިން ނޫން ކަމަށާއި ދެ މީހުން ފުރަތަމަ ބައްދަލުވީ އެކްޓަރު ބޮބީ ޑިއޯލްއާ އެކު ދިޔަ ރޭގަނޑުގެ ކެއުމަކުން ކަމަށް ބުނެފައެވެ.

އެއީ ވެސް މިހާތަނަށް މިޑީއާތަކުން ހަގީގަތެއް ނުބަލާ ދައްކަމުން އަންނަ ވާހަކައެއް ކަމަށާއި އެފަދަ ވާހަކަތައް ރައްދު ދިނުމަށް ވަގުތު ހުސްކުރަން ބޭނުން ނުވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އަބީޝެކާއި އައިޝްވާރިޔާ ކައިވެނިކޮށްފައިވަނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނުތާ އަހަރެއްހާ ދުވަސް ފަހުން 2007 ވަނަ އަހަރުގެ އޭޕްރިލް މަހެވެ.

އެ ކައިވެންޏަށް އަންހެން ކުއްޖަކު ލިބިފައިވާއިރު ދަރިފުޅު ތަރުބިއްޔަތުކުރުމުގެ އެންމެ ބޮޑު ދައުރު އަދި ޒިންމާ އަދާކުރަނީ އަންހެނުން އައިޝްވާރިޔާ ކަމަށާއި އެ ކަމަށް ޝުކުރުވެރިކަމަށް އަބީޝެކް ވަނީ ބުނެފައެވެ.

ދަރިފުޅު ތަރުބިއްޔަތުކުރުމުގައި އައިޝްވާރިޔާ ވަނީ ވަރަށް ރަނގަޅު ނަމުނާއެއް ދައްކާފައި ކަމަށް ބުނެ، ވަރަށް ގިނަ އިންޓަވިއުތަކުގައި އެކްޓަރު ވަނީ އަންހެނުން އައިޝްވާރިޔާއަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.

comment ކޮމެންޓް