އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާ މިއަދު ބައްދަލު ކުރަައްވައިފިއެވެ.
ޑިފެންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ބައްދަލުވުމުގައި އަލި އަޅުވާލައްވާފައިވަނީ ދީފާއީ ދާއިރާއިން މިހާރު ވެސް ދެ ގައުމުން ގެންދާ އެއްބާރުލުމާ ގުޅޭ ގޮތުން ކަމަށެވެ.
އާ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަރިހަށް ސަފީރު ވަޑައިގެންނެވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދުބާއީގައި އޮތް ކޮޕް28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ހުކުރު ދުވަހު ބައްދަލުކުރެއްވި ފަހުންނެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި ތަފާތު ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ކޯ ގްރޫޕެއް އުފައްދަން ދެ ބޭފުޅުން ވަނީ ނިންމަވާފައެވެ.
އިންޑިއާއާއެކު މި ފަދައިން މަޝްވަރާ ކުރައްވައިފައިވާއިރު ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިޔުމަށް އިންޑިއާ ސަރުކާރުގައި ރަސްމީކޮށް މީގެ ކުރިން އެދިވަޑައިގެންފައެވެ. އަދި އިންޑިއާއިން އެކަމަށް އެއްބަސްވެފައިވާ ކަމަށް މިއަދު ރައީސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހޫގޯ ޔަން ވެސް ވަނީ މިއަދު ޣައްސާނާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމުގައި ވެސް ޑިފެންސް ދާއިރާގައި އޮންނަ އެއްބާރުލުން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އިނގިރޭސިވިލާތުން ކަނޑއަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާ ވެސް މިއަދު ޣައްސާނާ ބައްދަލުކުރައްވައި، ދިފާއީ ދާއިރާގައި ދެ ގައުމުގެ އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.