އިންޑިގޯގެ ސީއީއޯ ހާޒިރުކޮށް، ތަހުގީގެއް ފަށަނީ

އިންޑިގޯ ފްލައިޓް އޮޕަރޭޝަންތައް މަޑުމަޑުން އަންނަނީ ހަޔަކަށް އެޅެމުން. ފޮޓޯ/އޭއެފްޕީ

މުވައްޒަފުން މަދުވެ، އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯގެ އޮޕަރޭޝަންތަކަށް ބުރޫއަރައި ފްލައިޓްތައް ކެންސަލް ކުރަމުން އަންނައިރު، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)ގެ ހަތަރު މެމްބަރުންގެ ހާއްސަ ކޮމިޓީއަކުން އިންޑިގޯގެ ސީއީއޯ ޕީޓާ އެލްބާސްއާ ސުވާލު ކުރަން ނިންމައިފިއެވެ.

އެ ކޮމެޓީ އުފެއްދީ އިންޑިގޯގެ ސަބަބުން އެތައް އެއާޕޯޓެއްގައި ހަލަބޮލިކަން އުފެދުނު މައްސަލަ ތަހުގީގު ކުރުމަށެވެ.

އެއާލައިންގެ ފްލައިޓްތައް ކެންސަލް ކުރުމާއި، ލަސްވުމާ ގުޅިގެން ޑީޖީސީއޭ އިން ވަނީ އެ އެއާލައިންގެ އޯވަސައިޓް ވަރުގަދަކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ބައެއް ފިޔަވަޅުތައް އަޅާފައެވެ.

މީގެ ކުރިން ޑީޖީސީއޭ އިން ވަނީ އިންޑިގޯގެ ސީއީއޯ އެލްބާސްއަށް ނޯޓިސް އެއްވެސް ފޮނުވާފައެވެ. ނަމަވެސް އިންޑިގޯގެ ފްލައިޓްތަކަށް ބުރޫ އެރި ސީދާ ސަބަބުތައް މިވަގުތު ފާހަގަނުކުރެވޭ ކަމަށް ބުނެ އެ ނޯޓިސްއަށް ޖަވާބުދާރީވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް އިންޑިގޯއިން ވަނީ ބުނެފައެވެ.

ޑީޖީސީއޭގެ އޮފިޝަލުން ވަނީ ބުރާސްފަތި ދުވަހު އިންޑިގޯގެ އޮޕަރޭޝަންތަކާއި ރިފަންޑްތަކާއި އެހެނިހެން ޕްރޮސެސްތައް އެއާލައިންގެ މައި އޮފީހުން މޮނިޓާ ކުރަން ފަށާފައިވާ ކަމަށްވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

އިންޑިގޯގެ އޮޕަރޭޝަންތައް 10 ޕަސަންޓަށް މަދުކުރުމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީންވެސް ވަނީ އަންގާފައެވެ.

ފްލައިޓްތައް ކެންސަލް ވުުމުން އެއާޕޯޓުގައި މީހުން ތޮއްޖެހިފައި. ފޮޓޯ/އޭއެފްޕީ

މީގެ ކުރިން އޭވިއޭޝަން ވޮޗްޑޯގް ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން، ޑީޖީސީއޭ އިން ވަނީ އިންޑިގޯގެ ދަތުރުތައް ރަނގަޅަށް އެކަށީގެންވާ ގޮތުގައި ކުރުމުގެ ގާބިލުކަން ނެތް ކަމަށް ބުނެ، ފްލައިޓް ޝެޑިއުލް ފަސް ޕަސެންޓް ކުޑަކޮށްފައެވެ.

މައްސަލައަށް ގާތްގަޑަކަށް ދެ ހަފްތާވެފައިވާއިރު، އިންޑިގޯގެ އޮޕަރޭޝަންތައް މިއަދު މަޑުމަޑުން ހަމައަކަށް އެޅެން ފަށާފައިވާ ކަމަށް ދަ އިކޮނޮމިކް ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.

ފްލައިޓް ޝެޑިއުލްތައް މަޑުމަޑުން އާންމު ހާލަތަށް އަންނަމުންދިޔަ ނަމަވެސް މި ދަތިކަމުގެ އަސަރު އަދިވެސް ބޮޑެވެ.ފާއިތުވި ދުވަސްތަކުގައި ދިއްލީ، މުމްބާއީ، ބެންގަލޫރު އަދި ޗެންނާއީ ފަދަ ބޮޑެތި އެއާޕޯޓްތަކުން 5،000 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފައިވެއެވެ.

އިންޑިގޯގެ ދަތުރުތައް މަދުވެފައިވަނީ، ޕައިލެޓުން އަރާމުކުރުމަށް އިތުރު ވަގުތު ދޭންޖެހޭ ގޮތަށް އިންޑިއާ ސަރުކާރުން ގަވައިދަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާ ވަގުތު ޖެހުނުއިރު އިންޑިގޯއަށް ތައްޔާރު ނުވެވި, ޕައިލެޓުންގެ ދަތިކަން ބޮޑުވުމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް