ފެނުނީ ދުވަސް ފުރައި ވިހާފައި އޮތް އަންހެން ކުއްޖެއް، ޒަހަމެއް ނެތް!

ދިގުރަށު ޕޮލިސް ސްޓޭޝަން --

އދ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮއްވާ ފެނުނީ ދުވަސްފުރާ ވިހާފައިވާ އަންހެން ކުއްޖެއް ކަން އެނގިއްޖެއެވެ.

މަރުވެފައިއޮތް އެ ކުއްޖާ ފެނި ހޮސްޕިޓަލަށް ގެންދިއުމުގައި ހަރަކާތްތެރިވި އެރަށު ރައްޔިތަކު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، އެއީ ސިއްހަތު ރަނގަޅު އަންހެން ކުއްޖެއް ކަމަށެވެ. އަދި އެ ކުއްޖާގެ ބަރުމިނުގައި ތިން ކިލޯ ހުންނާނެ ކަމަށް ބެލެވޭކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާ ފެނުނި އިރު އޮތީ ފޫޅުވެސް ނުކަނޑާ ކަމަށެވެ. އަދި ކުއްޖާ ފެނުނީ ވިހެއުމަށްފަހު މާ ގިނައިރުތަކެއް ނުވަނީސްކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"ހަމަ ފްރެޝްކޮށް އޮތީ. ހީވަނީ ފަތިހު ހެން އެ ކުއްޖާ ވިހެއީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ކުއްޖާގެ ގައިގައި އެއްވެސް ޒަޚަމެއް ވެސް ނެތް ކަމަށެވެ. އެހެންކަމުން ލަފާ ކުރެވެނީ ކުއްޖާ މަރާލާފައި ވަނީ ނޭވާ ހާސްކުރުމަށް ފަހު ކަމަށް އޭނާ ބުންޏެވެ.

މިއީ ކާކުގެ ކުއްޖެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.

މިކަން ކުރީ ބިދޭސީއެއް ކަމަށް އެ ރަށު ތެރޭގައި ވާހަކަ ދެކެވެއެވެ. ނަމަވެސް ފުލުހުންނެއް ވެސް އަދި ރަށު ކައުންސިލުން ވެސް އެފަދަ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން މި ނޫހާ ވާހަކަ ދައްކަމުން އެރަށު ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން ވިދާޅުވީ، ތުއްތު ކުއްޖާ ފެނުނީ ރަށުގެ ގެތަކުންނާއި ގެސްޓްހައުސްތަކުން ނެގި ކުނީގެ ތެރެއިން ކަމަށެވެ.

އުސްމާނު ވިދާޅުވި ގޮތުގައި ތުއްތު ކުއްޖާ ފެނިފައި ވަނީ ކުނި ނެގުމަށްފަހު ސެންޓަރަށް ގެންގޮސް ނައްތާލުމަށްޓަކާ ކޮތަޅުތަކުން ކުނި ނެގުމުގެ ތެރެއިންނެވެ.

އޭނާ ވިދާޅުވީ، ކުއްޖާ ފެނުމާއެކު ސެންޓަރުން އެކަން ކައުންސިލަށް އެންގި ކަމަށެވެ. އަދި ކައުންސިލުން އެކަން ވަގުތުން ފުލުހަށް ރިޕޯޓު ކުރިކަމަށެވެ. އުސްމާނު ވިދާޅުވީ ކުއްޖާއަކީ އަންހެން ކުއްޖެއްކަމެއް ނުވަތަ ފިރިހެން ކުއްޖެއްކަމެއް އޭނާއަށް ނޭންގޭ ކަމަށެވެ. އަދި ކުއްޖާ ވިހާފައި ވަނީ ދުވަސްފުރާކަން ވެސް ނޭންގޭ ކަމަށެެވެ.

މިކަމާ ގުޅިގެން މިއަދު ފުލުހުން ބުނީ، އެ ރަށުގައި ކުޑަކުއްޖަކު ވިހެއުމަށް ފަހު އެއްލައިލާފައި އޮއްވައި ފެނުނު ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހެނދުނު 9:20 އެހާކަންހާއިރު ކަމަށެވެ.

އެ ކުއްޖާ މަރުވެފައިވާ ކަމަށް ކުއްޖާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

"މި މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ލިބިފައިނުވާއިރު، ފުލުހުން ބުނީ މައްސަލައިގެ އިތުރު ތަފުސީލު ލިބެމުންދާ މިންވަރަކުން ހިއްސާކުރަމުންދާނެ ކަމަށެވެ.

comment ކޮމެންޓް