މި ރޯދަމަހުގެ ފުރަތަމަ ދުވަހު ވެސް، ދުވާލު މަގުމަތީގައި ކެއި ދެ ފިރިހެނުން ހައްޔަރުކޮށްފި

ބަޔަކު މަގުމަތީގައި: ރޯދަމަހުގެ ފުރަތަމަ ދުވަހު، މަގުމަތީގައި ކެއި ދެ ފިރިހެނުން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހު، ދުވާލު ގަޑީގައި މަގުމަތީގައި ކެއި ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފިއެވެ.

ރޯދަ މަހު، ދުވާލު ގަޑީގައި މަގުމަތީގައި ކެއި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ.

މި ދެ މީހުންގެ ތެރެއިން 25 އަހަރުގެ މީހާ، ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، އޭނާގެ ބަންދަށް ހަތް ދުވަސްވަނީ ޖަހައިފައެވެ.

އޭނާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާވަނީ ރޯދަ މަހު ދުވާލު ގަޑީގައި މަގުމަތީގައި ޗުއިންގަމް ކައިފައެވެ. އޭނާއަކީ ބަންދު ރެކޯޑް ކުރިންވެސް އޮންނަ މީހެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހާގެ ބަންދަށް ކޯޓުންވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާއަކީ ވެސް ބަންދު ރެކޯޑް އޮންނަ މީހެކެވެ.

ރަމަޟާން މަހު ދުވާލު އިރު އޮއްސުމުގެ ކުރިން، ޝަރުޢީ އުޒުރެއް ނެތި އާންމު ތަންތަނުގައި ކައިބޮއެ ހެދުމަކީ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިސްލާމީ ޝަރީޢަތުގައި ރޯދަ ހިފުން ވާޖިބުވެގެންވާ މީހަކު، ރަމަޟާން މަހުގެ ދުވާލު ވަގުތެއްގައި އެއްވެސް ޝަރުޢީ އުޒުރެއް ނެތި އާންމު ތަނެއްގައި ކެއުމާއި، ބުއިމާއި ނުވަތަ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ކުށެކެވެ.

ގާނޫނުލްއުގޫބާތުގެ 611 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން އެއީ ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.

ޖުނަޙްގެ ތިން ވަނަ ދަރަޖައިގެ ކުށަކަށް ދެވޭނެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ކުށުގެ ހާލަތަށް ރިއާޔަތްކޮށް އަދަބުގެ މިންވަރު ބަދަލުވުމުގެ ފުރުސަތު އޮވެއެވެ. އަދި ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ފައިދާހުރި މަސައްކަތް ކުރުން ފަދަ އަދަބެއް ކަނޑައެޅުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

​މީގެ އިތުރުން، އިސްލާމް ދީނުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލައި، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުންވެސް ފިޔަވަޅު އެޅިދާނެއެވެ.

comment ކޮމެންޓް