މަގާމުން ވަކިކުރުމުގެ ޖަލްސާ ތެރެއިން އީވާ އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

މިއަދަށް އޮތީ އެމްޑީޕީން ހުށަހަޅާފައި އޮތް އީވާގެ އިތުބާރުގެ މައްސަލަ އެޖެންޑާކޮށްފައެވެ. އެހެންވެ، މިއަދު ވަނީ ދިފާއުވާން އޭނާއަށް ފުރުސަތު އަރުވައިފައެވެ. އެ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން އީވާ ވަނީ ދިފާއުގައި ވާހަކަފުޅު ދައްކަވައިފައެވެ.

އެކަމަކު، ދިފާއުގައި ވާހަކަފުޅު ދެއްކެވުމަށް ފަހު ނިންމަވައިލައްވަމުން އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވައިފާ ކަމަށެވެ.

އަދި، އޭގެ ކުޑައިރުކޮޅެއް ފަހުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ވަނީ އީވާގެ އިސްތިއުފާގެ ސިޓީފުޅު ލިބިވަޑައިގެންފި ކަމަށް ވިދާޅުވެފައެވެ. އެހެންވެ، އެ ސިޓީ މަޖިލީހަށް އިއްވެވުމަށް ފަހު އަސްލަމް ވަނީ އީވާގެ އިސްތިއުފާ ގަބޫލުކުރެއްވިކަން އިއުލާނު ކުރައްވައިފައެވެ.

އީވާ ވަކިކުރުމުގެ ގަރާރު މިއަދު މަޖިލީހަށް ހުށަހަޅައި، ރިޔާސަތުން ވަނީ އޭނާއަށް ދިފާއުވުމުގެ ފުރުސަތު އަރުވައިފައެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ކުރި ވައްކަމާއި އެ ނޫން ވެސް ގޯސްތަކާ ދެކޮޅަށް ނުކުތްއިރު މި ދުވަސް އަންނާނެކަން އެނގޭ ކަމަށެވެ.

އެހެންވެ، އޭނާ މަގާމުން ވަކިކުރަން އުޅެނީ އެ ކަމުގެ ބަދަލުހިފުމެއްގެ ގޮތުގައި ކަމަށް އީވާ ވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވައިފައެވެ.

"އެ ވާހަކަތައް ދެއްކީމާ ދައްކާ މީހާއަށް އަދަބު ދެވިދާނެ. އަދި އަތުޖެހޭ ހިސާބުގައި ހުރި މީހާއަށް އަދަބު ދެވިދާނެ. ވެރިކަން ގެއްލުނީމާ އެކަމުގެ އަދަބު ވެސް އަޅުގަނޑުމެންނަށް ދެވިދާނެ،" އީވާ ވިދާޅުވިއެވެ.

"އެކަމަކު، އަޅުގަނޑަށް ހައްތަހައި ވެސް ހީވަނީ ވެރިކަން ގެއްލުނީ ކުރެވުނު ކަމަކުން ހެން،"

އީވާ ވިދާޅުވީ، ކުރީ ސަރުކާރުން ކުރި ވައްކަމާއި ގޯސްތަކަށް ލޯ މަރާލައިގެން ހުންނެވި ނަމަ މަގާމުން ވަކިކުރަން ނޫޅުއްވާނެ ކަމަށެވެ. އަދި، އެމްޑީޕީ ސަރުކާރުން ހެދި ގޯސްތައް މިހާރު ހާމަވަމުންދާ ކަމަށާއި އޭރު އޭނާ ނިސްބަތްވާ ދަ ޑިމޮކްރެޓްސްއިން ދެއްކި ވާހަކަތައް އެއީ ތެދު ހަގީގަތްކަން މިހާރު ޔަގީންވާ ކަމަށެވެ.

އެކަމަކު، ކުރީ ސަރުކާރުގެ ގޯސްތަކަށް ލޯ މަރާލައިގެން ދެން ވެސް ނުހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، އެމްޑީޕީ އުފައްދައިގެން އެ ޕާޓީގެ ކަންކަމުގައި އޭނާއަށް ވުރެ ބޮޑަށް މަސައްކަތް ކުރެއްވި އެހެން މީހަކު މަދުވާނެ ކަމަށެވެ. އެގޮތުން، ދަރިފުޅަށް ބަލިވެ އިންނެވި އިރުގައި ވެސް އެ ޕާޓީގެ މަގުމަތީ ހަރަކާތްތަކުގައި އުޅުއްވިކަން އީވާ ވަނީ ހަނދާންކޮށްދީފައެވެ.

"މިއީކީ ޒާތީ ކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ހަމަތަކުގައި ހިފެހެެއްޓޭތޯ އަޅުގަނޑު މިއުޅެނީ،" އީވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން ފާއިތުވި ހަ މަސް ދުވަހު މެދުކެނޑުމެއްނެތި 'ބޭބޭ ދިފާއުކުރަން' އުޅެނީ ކަމަށް ތުހުމަތު ކުރެއްވި ނަމަވެސް މި ވީހާތަނަށް އެއްވެސް އެއްޗެއް ވިދާޅުނުވަން ކަމަށެވެ. އަދި، އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހަައްމަދު ޞާލިޙަކީ ވެސް އާއިލީ ބޭފުޅެއްކަން ހަނދުމަކޮށްދެމުން އޭނާ ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ހުންނެވީ ޒާތީ ކަމެއްގައި ނޫން ކަމަށެވެ. އެއީ، ތާއަބަދު ގަބޫލުކުރި އަސާސްތަކުގެ ދިފާއުގައި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ، މިއީ އެންމެ މަސައްކަތްތެރި އެއް މަޖިލީސް ކަމަށާއި އަދި، މެންބަރުންގެ ޚަރަދުތައް އެންމެ މަދު ކުރެވުނު މަޖިލީހަކީ ވެސް މި ހިނގާ 19 ވަނަ މަޖިލީސް ކަމަށެވެ. އެއީ، ރިޔާސަތުގައި ހުންނަވައިގެން ހޯދުނު ކާމިޔާބެއް ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

"ކާމިޔާބާއި ނާކާމިޔާބު އެކި މީހުން ގުނާނީ އެކި ގޮތަށް. ހިޔާނާތުގެ ކުރިމަތީގައި އަޅުގަނޑުމެންގެ މެންބަރު ފަހަތަށް ޖައްސައިނުލެވޭނޭ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް އޮތް ޔަގީންކަން އެއީ އަޅުގަނޑުގެ ކާމިޔާބީ،" އީވާ ވިދާޅުވިއެވެ.

comment ކޮމެންޓް